ރެއާލްގެ ކޯޗުކަމުން އެލޮންސޯ ވަކިވެއްޖެ
ރެއާލް މެޑްރިޑުގެ ކޯޗުކަމުން ޒަބީ އެލޮންސޯ ވަކިވެއްޖެއެވެ.
އެލޮންސޯ ރެއާލްގެ ކޯޗުކަމުން ވަކިވެފައި މިވަނީ، ސްޕެނިޝް ސުޕާ ކަޕްގެ ފައިނަލުގައި ބާސެލޯނާއާ ވާދަކޮށް ކުރިމަތިވި ނާކާމިޔާބީއާ އެކުގައެވެ. ސުޕާ ކަޕްގެ ފައިނަލުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް މި މެޗުން އެ ޓީމު ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.
ކޯޗުކަމުގެ މަގާމުން އެލޮންސޯ ވަކިވެފައި މިވަނީ މަގާމާ ހަވާލުވިތާ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައެވެ.
ރެއާލް އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން 44 އަހަރުގެ އެލޮންސޯ، ރެއާލްގެ ކޯޗުކަމުގެ މަގާމުން ވަކިވެފައިވަނީ ދެ ފަރާތުން ކުރެވުނު މަޝްވަރާތަކަށްފަހު ވެވުނު އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.
ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ފަސް އަހަރު ކުޅުނު އެލޮންސޯ ރެއާލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު، އެ ޓީމުގެ ކޯޗުކަމުގައި އޭރު ހުރި ކާލޯ އެންޗެލޮޓީގެ ބަދަލުގައެވެ.
އެލޮންސޯގެ ބަދަލުގައި ރެއާލް އިން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ޓީމުގެ ކޯޗަކަށް އާބަލޯއާ ހަމަޖެއްސިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. އާބަލޯއާ އަކީ ވެސް ރެއާލް އަށް މީގެކުރިން ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އަދި ފާއިތުބީ ދުވަސްތަކުގައި ރެއާލްގެ ޒުވާން ޓީމުތަކަށާއި ރެއާލްގެ ބީ ޓީމުގެ ކޯޗުކަން އޭނާ ކޮށްފައިވެއެވެ.
ރެއާލްގެ ކޯޗުކަމުން އެލޮންސޯ ވަކިވިއިރު އޭނާގެ އިރުޝާދުގެ ދަށުން ރެއާލުން ކުޅުނު 34 މެޗުގެ ތެރެއިން 24 މެޗުން ރެއާލް ވަނީ މޮޅުވެފައެވެ.