އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓް އެކުލަވާލުމާ ގުޅޭގޮތުން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަށް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަައްވައިފިއެވެ.
މި ކޮމެޓީގެ ޗެއާއަކަށް ހަމަޖައްސަވާފައިވަނީ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ ބަޖެޓް އެކުލަވާލުމަށް އިންތިޚާބީ ރައީސް އެކުލަވާލެއްވި ކޮމިޓީގައި ތިއްބަވާ ބޭފުޅުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، މިހާރު އެކޮމެޓީގައި 08 މެންބަރުން ތިއްބަވާނެ ކަމަށެވެ.
މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު، އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުވޭޒް އަދި ޕެންޝަން އޮފީހުގެ ކުރީގެ ބޯޑް މެންބަރު އަބްދުލް ހަލީމް އަބްދުއްލަތީފް އެވެ.
ބަޖެޓާއި ގުޅޭގޮތުން ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސްގެ އޮފީހުން ބަޖެޓަށް ލަފާކުރެވޭ ވަކި އަދަދެއް ވިދާޅުވާން މިވަގުތު ދަތިކަމަށެވެ.