ހަނގުރާމައަށް ދިޔަ ބައެއް އާއިލާތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ: ހޯމް މިނިސްޓްރީ
ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ ބައެއް އާއިލާތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް އާއިލާތައް ގޮސްފައިވާ ކަމަށެވެ. އަދި އެއާއިލާތަކުން އަންހެނުންނާއި ކުޑަކުދިން ހާލުގައި ޖެހިފައިވާ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.
އިތުބާރު ކުރެވޭ ނިޒާމެއްގެ ތެރެއިން މި އާއިލާތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތްކުރާކަން ފާހަގަކުރައްވައި އަލީ ނަޒީރު ވިދާޅުވީ މިފަދަ މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކާމިޔާބު ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަަމަށެވެ. އަދި މިއާއިލާތަކަށް ޚާއްސަ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަލީ ނަޒީރު ވިދާޅުވީ ހަނގުރާމައަށް ދިޔަ އެއް އާއިލާ ރާއްޖެއަށް ގެނެވި، ރީ-އިންޓަގްރޭޓެޑް ކުރެވި މިހާރު ރީތި ދިރިއުޅުމެއް އުޅެމުންދާ ކަމަށެވެ. އަދި ކުރިއަށް މަސް ދުވަހުގެ ތެރޭގައި އިތުރު އާއިލާތައް ރާއްޖެއަށް ގެނެވޭނެ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ރާއްޖެއިން ބޭރުގައި ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮސްފައި އަންހެނުންނާއި ކުޑަކުދިން ހާލުގައި ޖެހިފައި ރާއްޖެއިން ބޭރުގައި ތިބޭތާގައި ދުވަސްތަކެއް ވެފައި ހުރީ. ބައިނަލްގުވާމީ މުޖުތަމައުގައި ވެސް ދިވެހިރާއްޖޭގައި ތިބި ދިވެހި ރައްޔިތުންގެ ވެސް ކަންބޮޑުވުން ހުރި ކަންކަމަށް ރިޔާއަތްކޮށްގެން ހުރިހާ އެންމެނަށް ބަލައިގަނެވޭ އިތުބާރުހުރި މެކޭނިޒަމެއްގެ ތެރެއިން މިދެންނެވި ކުޑަކުދިންނާއި އަންހެނުން ރާއްޖެ ގެނެސް އަނބުރާ ދިވެހި މުޖުތަމައު ރީ އިންޓަގްރޭޓެޑް ކުރުމަށްޓަކައި އަލުން އަނބުރާ ރުޖޫއަ ކުރުމަށްޓަކައި ކާމިޔާބު މަސައްކަތްތަކެއް ވަނީ ފެށިފައި. އެގޮތުން މިހާރު އަޅުގަނޑު ފާހަގަކުރާނަން. މިހާރު އެއް އާއިލާ އައިސްފައި ރީތިކޮށް އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި ދިރިއުޅެމުން ދަނީ. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު އާއިލާތައް ރާއްޖެއަށް ގެނެވޭނެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު
އަލީ ނަޒީރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަދަލުވި ނަމަވެސް ދިވެހި ގައުމާއި، ރައްޔިތުންގެ ހެވާލާބަޔަށްޓަކައި ފެށިފައިވާ މުހިންމު ޕްރޮގްރާމްތަކާއި، މަސައްކަތްތައް އައު ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހަނގުރާމައަށް ގޮސްފައިވާ ދިވެހި އާއިލާތައް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުންދާއިރު، ސީރިއާއަށް އެތެރެވުމަށް މަސައްކަތްކޮށްފައިވާ ބައެއް ދިވެހިން ތުރުކީ އެއާޕޯޓު އަދިވެސް އެހެނިހެން ބޭރުގެ ގައުމުތަކުގެ އެއާޕޯޓުން ހިފެހެއްޓުމަށްފަހު ރާއްޖެއަށް ފޮނުވާލާފައިވެއެވެ. އަދި ބައެއް ދިވެހި ސީރިޔާގެ ހަނގުރާމާގައި ނިޔާވެފައިވެއެވެ. ސިއްރިއްޔާތުގައި ދިވެހި ޒުވާނުން ހަނގުރާމަ ރެކްރޫޓްކޮށް ހަނގުރާމައަށް ފޮނުވަން މަސައްކަތް ކުރަނީ އެކަމުގެ އަޑީގައި ދިވެހިންގެ ބަޔަކު ތިބެގެން ކަމަށާއި، އެއީ ކުރާ ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.