ފަރުކޮޅުފުށިން ބިން ކުއްޔަށް ދޫކުރުން މަޑުޖައްސާލަން އޭސީސީން އާބަންކޯއަށް އަންގައިފި
ފަރުކޮޅުފުށިން ބިން ކުއްޔަށް ދޫކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ)ން އާބަންކޯއަށް އަންގައިފިއެވެ.
ރާއްޖެއެމްވީއަށް އޭސީސީން ބުނީ ފަރުކޮޅުފުށިން ދިގު މުއްދަތަށް ބިން ކުއްޔަށް ދިނުމާއި ގުޅޭގޮތުން އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ޓްރާންސިޝަން މަރުހަލާއަށްވުމާއެކު ފަރުކޮޅުފުށިން ބިން ކުއްޔަށް ދޫކުރުން މަޑުޖައްސާލުމަށް އާބަންކޯއަށް އަންގާފައިވާ ކަމަށް އޭސީސީން ބުނެއެވެ.
2016 ވަނަ އަހަރު ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކާ ފަރުކޮޅުފުއްޓާއި ގުޅުވާލުމަށްފަހު، އަބަންކޯއިން ދަނީ އެކިއެކި ހަފްލާތައް ބޭއްވުމަށް ވެސް އާއްމުންނަށް އެތަން ދޫކުރަމުންނެވެ. އަދި ޕްލޭނަކީ ހެރިޓޭޖް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްގީކުރުން ކަމަށް އާބަންކޯއިން މީގެ ކުރިން ބުނެފައިވެއެވެ.
ފަރުކޮޅުފުށިން ބިން ކުއްޔަށް ދޫކުރުން މަޑު ޖައްސާލުމަށް އާބަންކޯއަށް އޭސީސީން އަންގާފައިވާއިރު، އާދިއްތަ ދުވަހު އިންތިގާލީ މަރުހަލާގައި ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ނުކުރުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެ އޮފީހުން ބުނީ ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ހިނގަމުންދާ ދަނިވަޅުގައި އާބަންކޯއިން ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 ކަމެއް އެ ކުންފުނީގެ ބޯޑުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. އިންތިޚާބީ ރައީސްގެ އޮފީހުން ބުނީ ހުޅުމާލޭގެ ބިންތަކަކީ ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގުބޮޑު އެސެޓުތައްކަމުން އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މި މުއާމަލާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން ލީސްކުރުމުގެ މުއާމަލާތްތަކެއް ހިމެނޭ ކަމަށާއި އޭގެ ސަބަބުން އިތުރަށް ކަންބޮޑުވާ ކަމަށް ވެސް ބުނެއެވެ.
އާބަންކޯއިން ހިންގަން އުޅޭ މުއާމަލާތްތަކުގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސް އެޅޭނެ ކަމަށާއި ދައުލަތަށް އެކަމުގެ ގެއްލުން ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެއެވެ. އިންތިގާލީ މަރުހަލާގައި އެފަދަ މުއާމަލާތްތައް މަޑުޖައްސާލައި ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން އެ މަރުހަލާގެ ރޫހާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.