20 އޭޕްރީލު 2025

Advertisement

ޔާމީނަށް އެންމެ އިހުލާސްތެރީ އަޅުގަނޑުމެން: އަދުރޭ

26 ނޮވެމްބަރު 2023

ޕީޕީއެމް-ޕީއެންސީގެ ލީޑަޝީޕްގައި ތިއްބެވި ބޭފުޅުންނަށް ވުރެ އިހުލާސްތެރި ބަޔަކު ކުރީގެ ރައީސް ޔާމީނަށް ނުހޯއްދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އޭނަ މިހެން ވިދާޅުވެފައިމިވަނީ އާ ސަރުކާރުގައި ހިއްސާވާ ޕީޕީއެމުން ވަކިވެ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އެ ޕާޓީގެ ކުރީގެ ރައީސް ޔާމީން ފައްޓަވާފައިވާ ދަނޑިވަޅެއްގަ އެވެ.

ރޭ "ސަންގު ޓީވީ" ގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ރައީސް މުއިއްޒު ޔާމީނަށް އަނިޔާއެއް ނުދެއްވާނެ ކަމަށާއި ޔާމީނަށް އަނިޔާ ދެއްވީ އެމަނިކުފާނާއެކު އެންމެ އަރިސްކޮށް މިހާރު ސިޔާސީ މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށެވެ. ޖަމީލަކީ ޔާމީންގެ ސަރުކާރު ނިންމަން ނުކުތް ބޭފުޅެއް ކަމަށާއި "ތިޖޫރި ހުރި ތަނުގައި ވަޅުގަނޑު ވެސް ނުހުންނާނެ" އޭ ބުނީ ވެސް ޖަމީލު ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ޖަމީލަކީ ޔާމީނަށް އިހުލާސްތެރިވާނެ ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

Advertisement

"އަޅުގަނޑުމެން ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕަށް ވުރެ އިހުލާސްތެރި ބަޔަކު ރައީސް ޔާމީނަކަށް ނުހޯދޭނެ. އެކަމެއް ނުވާނެ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޖަމީލު މަސައްކަތް ކުރައްވަނީ ޔާމީން ހުންނެވި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އަމިއްލަ އެދުންތަކެއް ހާސިލުކުރަން ކަމަށެވެ. އަދި ޖަމީލަކީ ކޮން ބޭފުޅެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށާއި ޔާމީނަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ނުކޮށް ޖަމީލު ލަސްކުރީ ވެސް ވެރިކަމަށް އޮތް ދަހިވެތި ކަމެއްގެ ބޮޑުކަމުން ކަމަށްވެސް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް