ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް މިރޭ ވަޑައިގަތް މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިރޭ ބުނެފިއެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހ. ހުރަފާގޭގައި ހުންނަ ޕީއެންއެފް އޮފީހަށް ރައީސް ޔާމީން ވަޑައިގެންނެވި ކަން ކަރެކްޝަންސްގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ، ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން އެ އޮފީހަށް ވަޑައިގެންނެވީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ފޯމް ފުރުން، އެ ގޭގެ ތިން ވަނަ ފަންގިފިލާގައި ކުރިއަށްދަނިކޮށެވެ. މީގެކުރިން ހުރަފާގޭގެ ފުރަތަމަ ފަންގިލާގައި ހިންގަމުން ދިޔައީ ޕީޕީއެމް އޮފީހެވެ. އެ ތަން ހުސް ކުރަން ގޭގެ ވެރިފަރާތުން މީގެ ދެ ތިން ދުވަސް ކުރިން އެންގުމާ ގުޅިގެން މިއަދުގެ ވަގުތެއްގައި އެ ތަނުގައި ހުރި ހުރިހާ ޕީޕީއެމްގެ ތަކެތި ނެރެފައިވާ ކަން އެނގިފައިވެއެވެ.
ޕީއެންއެފަށް ވަންނަ މެންބަރުންގެ ފޯމްތައް ފުރުން ކުރިއަށް ދާއިރު ރައީސް ޔާމީން މިހާރު އިންނެވީ އެ އޮފީހުގައެވެ. އެމަނިކުފާނުގެ އަރިހުގައި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް އެބަހުންނެވިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ޕީއެންއެފް އޮފީހުގައި އިންނެވި ފޮޓޯއެއް "އެކްސް" ގައި އާންމު ކުރެއްވީ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލެވެ.
ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގައެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށް އެމަނިކުފާނާ އެކީގައި މިހާރު އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވާ އިރު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވަނީ ޔާމީންއާ މެދުގައި އެއްވެސް މައްސަލައެއް ޖެހެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ލީޑަޝިޕުން ޔާމީންއާ ދުރަށް ނޫނީ ފެއަށް ޖެހިފައިވާ ނުވާ ކަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.