ކުރީ ސަރުކާރާ ގުޅުވައިގެން ދެއްކި ވާހަކަތަކުގެ ޕަބްލިކް އިންކުއަރީއެއް ހިންގުމާއި ގުޅޭ ގަރާރު މަޖިލީހަށް
އެމްޑީޕީ ސަރުކާރާއި ގުޅުވައިގެން އިދިކޮޅުން ދައްކަމުންދިޔަ ވާހަކަތަކުގެ ޕަބްލިކު އިންކުއަރީއެއް ހެދުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގައި އެދުމަށް އެ ޕާޓީން ގައުމީ މަޖިލީހުން ފާސްކުރި މައްސަލައިގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ނިމިދިޔަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަށް އަސަރުކޮސްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ހުށަހަޅާ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.
މި ގަރާރުގައި ބުނެފައިވަނީ ނިމިދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށާއި ސިޔާދަތަށް އަސަރުކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން ދިވެހިރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަޤީގަތް ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ.
އަދި ނިމިދިޔަ ސަރުކާރުން ދިވެހިރާއްޖޭގެ ސަލަމާތާއި މިނިވަންކަމާއި އިސްތިޤްލާލަށް އުނިކަމެތް ނުވަތަ އަސަރެއް ކޮށްފައިވާ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ނުވަތަ އެފަދަ އެއްވެސް ސިޔާސަތެއް ތަންފީޛުކޮށްފައިވޭތޯ ދެނެގަނެ، އެކަމުގެ ތެދު ހަޤީގަތް ދިވެހި ރައްޔިތުންނަށް ހާމަކުރުމަކީ ދިވެހިރާއްޖޭގެ ހަމަޖެހުމަށާއި ދިވެހިރާއްޖޭގެ މަސްލަހަތު ބައިނަލްއަޤުވާމީ ދުނިޔޭގައި ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މަޖިލީހަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން ނިމިދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގައި އެތައްހާސް އިންޑިއާ ސިފައިން ހަތިޔާރާއެކު ބައިތިއްބައިގެން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ނަގާލުމަށް ސަރުކާރުން މަސައްކަތްކޮށްފައި ވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަޤީގަތް ހާމަކޮށް، ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖެއަށް ގެންލުންވާގޮތަށްކަމަށް ބުނެފައިވާ މައްސަލައާއި، އެފަދައިން އެކަން ހިނގާފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަރާތުން ގަސްތުގައި ނުކޮށް ދޫކޮށްލި ކަންތައްތަކަކާއި، ގަސްތުގައި ދިވެހި ގައުމަށް ގެއްލުންވާގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުންކަމާއި، އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އެއިރުގެ ސަރުކާރުން ވިއްކާލާފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަޤީގަތް ބަލައި، މި ކަންކަމުގެ ތެދު ދޮގު ދެނެގަނެ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން އިގްރާރުވުމަށެވެ.