ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރަކަށް މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލް ހަމަޖައްސައިފިއެވެ.
މުޖުތަބާ ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ކަން ކުރައްވައިފައެވެ. ޔާމީންގެ ސަރުކާރުގައި އެންސްޕާގެ ސީއީއޯއަކަށް ހުންނަވަނިކޮށް އެ މަގާމުން ވަކިކޮށް މުޖުތަބާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ވެސް އައްޔަންކޮށްފައެވެ.
މާލީ ކަންކަމާއި އިގްތިސާދީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ މުޖްތަބާ ޖަލީލް ވަނީ މެލޭޝިއާ އާއި އިނގިރޭސި ވިލާތުން ތައުލީމް ހާސިލް ކުރައްވައިފައެވެ. އަދި ތަފާތު އެކިއެކި ވަޒީފާތައް އަދާކުރައްވައި ތަޖުރިބާ ހޯއްދަވާފައިވެއެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓަންޓް މެނޭޖަރުކަމާއި ވިލާ ގްރޫޕްގެ ޗީފް އެގްޒެކްޓިވް ކަން ކުރެއްވެވިއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮޑިޓް ޑިޕާޓްމަންޓް ވެސް ހިންގެވިއެވެ.
މުޖްތަބާ ވިދާޅުވީ ވެމްކޯއަކީ ރައްޔިތުންނާ ގުޅުން ހުރި ދުވަހުން ދުވަހަށް ދޭން ޖެހޭ ހިދުމަތެއް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެމްކޯއަކީ އޭ ގްރޭޑް ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.