23 ނޮވެމްބަރު 2024

Advertisement

ފްލެޓު މައްސަލަ ލަސްވަނީ ހައުސިންގ މިނިސްޓްރީން ޕޯޓަލަށް އެކްސެސް ނުދީގެން: އޭސީސީ

30 ނޮވެމްބަރު 2023

ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ މައްސަލަ ނުނިމި ލަސްވަނީ ހައުސިންގ މިނިސްޓްރީން ދޭން ޖެހޭ ޕޯޓަލް އެކްސެސް ނުދީގެން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މެންބަރުން ހާޒިރުކުރުމުންނެވެ. އެގޮތުން، ތަހުގީގު ފަށާފައިވަނީ ވަކި މެންބަރަކު ބޭނުންފުޅުވެގެން ނޫން ކަމަށާއި 325 ރައްޔިތުންގެ ގިނަ އަދަދެއްގެ ޝަކުވާ ލިބުމާ ގުޅިގެން ކޮމިޝަނުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ ކޮމިޝަނަށް ލިބުނު ޝަކުވާތަކުގެ އަލީގައި އެންމެ ފުރަތަމަ ހައުސިންގ މިނިސްޓްރީއަށް އެންގީ ޕޮއިންޓް ދީފައިވާ ގޮތާއިމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ފްލެޓު ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ. ނަމަވެސް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދެވުނު ކަމަށް ނުބެލެވޭ ކަމަށާއި އޭގެ ފަހުން ލިސްޓު ނެރުނު އިރުވެސް އަމަލުކުރަން އެންގިގޮތަށް އަމަލު ނުކޮށްހުރުމުގެ ސަބަބުން ފްލެޓު ދިނުމުގެ ކަންކަން މަޑުޖައްސާލަން އެންގީކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ފްލެޓު ދިނުމުގައި ހައުސިންގ މިނިސްޓްރީން ކަންކަން ކުރި ގޮތް ފާހަގަކުރައްވައި ޝާމިލް ވިދާޅުވީ ޕޯޓަލްގައި މާކްސްތައް އޮޓޯއިން ޖެނެރޭޓްވާއިރު މާކްސް އެޕްރޫވް ކުރާ ފަރާތްތަކުން ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. ޝާމިލް ވިދާޅުވި ގޮތުގައި ޕޯޓަލް އަކީ އޮޓޮމެޓިކް ޕޯޓަލަކަށްވި ނަމަވެސް އޭގައި އިންސާނުން ނުވަތަ މެނުއަލްކޮށް މަސައްކަތް ކުރާ ދެ މަރުހަލާއެއް ދިމާވެއެވެ. އެއީ އެޕްރޫވް ކުރުމާއި ވެރިފައި މަރުހަލާ ކަމަށްވާއިރު އެ މަރުހަލާތަކުގައި މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވޭތީ މައްސަލަ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ބެލުމަށް އޭސީސީން ވަނީ ހައުސިންގ މިނިސްޓްރީގައި ޕޯޓަލްގެ އެކްސެސްއަށް އެދިފައެވެ. އެ ޕޯޓަލަށް އެކްސެސް އަދިވެސް ދީފައި ނުވާތީ ތަހުލީލު ލަސްވާ ކަމަށް ޝާމިލް ވިދާޅުވިއެވެ. އެ އެކްސެސް ލިބުމުން ވީހާވެސް އަވަހަށް މައްސަލަ ބަލައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މިހާރުވެސް ވަރަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް މި ކުރަނީ ރެއާއި ދުވާލު. މިހާރު އަޅުގަނޑުމެން މިނިސްޓްރީގެ އެކަމަށް ބޭނުންވާ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް އެކްސެސް ދިނުމަށް ވާނީ ދަންނަވާފައި. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ އޭގައި ފަންނީ ކަންކަން އެބަހުއްޓޭ ޓެކްނިކަލީ ހަމަޖައްސަން ޖެހޭ. ހަމަޖެއްސުމަށްފަހު އަޅުގަނޑުމެންނަށް އެކްސެސް ދެއްވާނަމޭ. އެއަށް އަދި ނަގާނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ ހަފުތާއެއްހާ ދުވަސް. އެއީ އަލުގަނޑުމެން ސިޓީ ފޮނުވި ދުވަހުން ފެށިގެން،

އޭސީސީގެ ރައީސް އާދަމް ޝާމިލް

އޭސީސީން ބުނި ގޮތުގައި ޕޯޓަލްގެ އެކްސެސްއަށް އެ އިދާރާއިން އެދުނީ ސަރުކާރު ބަދަލުވި ފަހުންނެވެ. އަދި އެ ޕޯޓަލަކީ އޮޑިޓް ލޮގް ކުރެވޭ ސޮފްޓްވެއާއެއް ކަމަށާއި އެހެންވެ އެއަށް އިތުރު ބަދަލެއް ގެނެސްފި ނަމަ ފޮރެންސިކް އެކްސްޕާޓުން ލައްވައި އެކަން ބެލޭނެ ކަމަށާއި އޭސީސީއަށް އެކްސެސް ދޭން އެދިފައިވާނީ ހައުސިންގ މިނިސްޓްރީގެ އެކްސެސް ކަނޑާލުމަށް ފަހު ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ފްލެޓުތަކާ ގުޅިގެން އޭސީސީއަށް ހުށަހެޅި މައްސަލަތަކުގެ އިތުރުން ހައުސިންގ މިނިސްޓްރީއަށް 8232 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް އޭސީސީން ފާހަގަކުރެއެވެ. އެހެންވެ، ރައްޔިތުންނާ ގުޅުންހުރި އެފަދަ ކަމެއްގައި ކޮރަޕްޝަންގެ އަމަލު ހިންގިޔަ ނުދިނުމަށް އެ މައްސަލަތައް ބެލުމަކީ ލާޒިމް ކަމެއް ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު ރޮޒަައިނާ އާދަމް ވަނީ އޭސީސީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މަޖިލީހާ ހިއްސާކުރުމަށް އޭސީސީގައި އެދިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް