ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީނަށް އިތުރު ލުއިތަކެއް ދެއްވުމަށް ސަރުކާރަށް ގޮވާލައިފި އެވެ.
ޔާމީނަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށްވާއިރު އެމަނިކުފާނު ގެކޮޅަށް ބަދަލުކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ފަހުން ޔާމީން ސިޔާސީ ހަރަކާތް ހިންގެވިއިރު ކަރެކްޝަންސް އިން ވަނީ ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައިވާ އިގުރާރާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޔާމީންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޔާމީނަށް ދެވެން އޮތް ހުރިހާ ލުއިތަކެއް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށާއި މިހާރު މިއޮތީ ވެސް ޔާމީން ގެންނެވި ސަރުކާރެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ ކުރިން ނުލިބޭ ލުއިތަކެއް އިތުރަށް ފުޅާކޮށް ދެއްވާށޭ. އިހުސާންތެރިކަން އިސްކޮށްދެއްވާށޭ،" ޖަމީލު ވިދާޅުވި އެވެ.
ޔާމީން ގޭ ބަންދުގައި ހުންނެވި އިރު އެމަނިކުފާނު އިސްވެ ހުންނަވައިގެން އަންނަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި އުފައްދާ އެ ޕާޓީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ޔާމީން ކަމަށްވާއިރު އެމަނިކުފާނު ދާދިފަހުން އެ ޕާޓީގެ އޮފީހަށް ވަޑައިގަތް މައްސަލަ ކަރެކްޝަންސް އިން މިހާރު އަންނަނީ ބަލަމުންނެވެ.
ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައިކޯޓުގައި މިހާރު ވަނީ ނިމިފަ އެވެ. އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. ހުކުމް އިއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.