ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އައްޔަންކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ރައްޔިތުން މަޖިލިހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ ދަށުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ ސިރާޖު ކަމަށް 29 ނޮވެމްބަރު ގައި އެ ޕާޓީއިން އަންގާފައިވާ ކަަމަށެވެ. އެހެންކަމުން އެކަން މަޖިިލީހުގެ ރިޔާސަތުން އިއުލާނު ކުރާ ކަމަށާއި އެ މެންބަރަށް މަރުހަބާ ދަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ޕީއެންސީ ޕީޖީ ލީޑަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާދެއްވައި އާބަންކޯގެ އާ އެމްޑީއަކަށް އިންތިހާބު ކުރުމާއި ގުޅިގެނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް މުއިއްޒު ކާމިޔާބު ކުރެއްވުމަށްފަހު ޕީއެންސީގެ މަގާމުތަކަށް ބަދަލުތައް ގެންނަމުން އަންނައިރު، އެ ފާޓީގެ ރައީސްގެ މަގާމަށް ރައީސް ވަނީ ހަމަޖައްސަވައިފައެވެ. މީގެކުރިން ޕީއެންސީގެ ރައީސްގެ މަގާމު އަދާކުރެއްވީ އަބްދުއް ރަހީމް (އަދުރޭ) ހަމަޖައްސާފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން އައްޔަން ކުރުމާއެކު މަޖިލީހުގައި އެ ދެ ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ވަނީ ހަތަރަކަށް ވެއްޓިފައެވެ.