މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އިންތިހާބުތައްވެސް ދަނީ މަކަރާއި ހީލަތުން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް އެއްބަސްވިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މެންބަރު ޖާބިރު ވިދާޅުވީ އެމްޑިޕީގެ ވެރިކަން ނިމުނުއިރު އެންމެ ބޮޑު އިލްޒާމެއް އަޅުވާފައިއޮތީ ބޭރުގެ އިސްކަރިއްޔާ ރާއްޖޭގައި ތިބިކަމަށް ބުނެ ދެއްކި ވާހަކަތައް ކަމަށެވެ.
ޖާބިރު ވިދާޅުވީ އެ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިހާބު ނާކާމިޔާބުވި ކަމަށާއި، އެހެންކަމުން އަލަށް އިންތިހާބުވި ސަރުކާރުން އެކަންކަން މަޖިލީހަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް އެކި ވާހަކަތައް ދައްކާކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ އިންތިހާބުތައް ކާމިޔާބު ކުރުމަށް އޮންނަ ގޮތާ ހިލާފަށް ރާއްޖޭގައި އިންތިހާބުތައް ކާމިޔާބުކުރަނީ ދޮގާއި މަކަރާ ހަދައިގެން ކަމަށެވެ. މީގެއިތުރުން ޖާބިރު ވަނީ ވެރިކަމުގައި އޮތްއިރު ރައްޔިތުންނަށް އެކަންކަން ސާފުކޮށްދިނުމަށް އެމްޑީޕީން މަޖިލީހުގެ ތެރެއިން މަސައްކަތް ނުކުރެވުނުކަންވެސް ފާހަގަ ކޮށްފައެވެ.
ޖާބިރު ވިދާޅުވީ އެމްޑިޕީގެ "މާކެޓިން" ދަށީ ކަމަށާއި އެމްޑީޕީގެ ލީޑާޝިޕްގައި ތިބީ "މާކެޓިން" ދަންނަ ބައެއް ނޫންކަމަށެވެ.
"އެމްޑީޕީގައި ވެސް މަކަރާ ހީލަތުން އިންތިހާބުތައް ދަނީ." ޖާބިރު ވިދާޅުވިއެވެ.
އެގޮތުން އެކަން ފާހަގަކޮށް ޖާބިރު ވަނީ މަޖިލީހުގެ ނައިބުރައީސްގެ ވޯޓު ދިޔަގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކަވާފައެވެ. އެހެންނަމަވެސް އެ ވާހަކަ ދިގުނުކޮށް ޖާބިރު ވަނީ ކުރެވިފައިވާ ތުހުމަތުތައް ސާފުވާންޖެހޭކަން ފާހަގަކޮށް އެމްޑީޕީގެ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނާ ގަވައިދުގެ ތެރެއިން އެ މަސައްކަތްތައް ކުރުމަށް ގޮވާލާފައެވެ.