ޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށް ފަހު، ރާއްޖެއިން ބޭރަށްގޮސް ފިލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ އައްމަޓީއަށް ފުރޭނެ ގޮތް ހެދުން އެދި ފޮނުވާފައިވާ ސިޓީއާ ގުޅިގެން ބާއްވާފައިވާ އިޖުރާއީ އަޑުއެހުމެކެވެ.
މި އަޑުއެހުމުގައި އައްމަޓީގެ ފަރާތުން ވަނީ އޭނާ ބޭސްފަރުވާއަށް ދާން ބޭނުންވާތީ އޭނާގެ ބަލި ޙާލަތަށް ރިއާޔަތްކޮށް، ފުރުން މަނާ ކުރުމުގެ އަމުރަށް މިވަގުތަށް ބާތިލު ކޮށްދިނުމަށް އެދިފައެވެ.
މިއީ ޝަރީއަތުގައި މީގެ ކުރިންވެސް ހިއްސާ ކުރެވި، އެކަމަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމުންތަކެއް ވެސް ނިންމާފައިވާ ޙާލަތެއްކަން ފާހަގަ ކުރައްވައި އޭނާގެ ވަކީލު ވިދާޅުވީ، މިއީ ކުއްލިއަކަށް ދިމާވެފައިވާ ޙާލަތެއް ނޫންކަމަށެވެ.
އައްމަޓީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވާ މުއްދަތުގައި ވެސް އޭނާ ޝަރީއަތުގެ އެންގުމަކާ ޚިލާފުވެގެން ކަމެއް ހިންގާފައިނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.
އޭނާ ބޭނުންވަނީ އޮޕަރޭޝަން ކުރުމަށް އާއިލާ ކައިރިއަށް ދިއުމަށްކަމަށް ވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން އައްމަޓީގެ އާއިލާ ވެސް ދިރިއުޅެނީ ސްރިލަންކާގައިކަމަށާއި އޮޕަރޭޝަނެއް ކުރާއިރު އާއިލާއާއެކުގައި ހުންނަން އޭނާ ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.
ދިފާއުން ވަނީ އޭނާ ފަރުވާއަށް ފުރުސަތު ދިނުމަށް ވަކި މުއްދަތަކަށް ނަމަވެސް ފުރުން މަނާ ކުރުމުގެ އަމުރު ބާތިލު ކޮށްދިނުމަށް އެދިފައެވެ.
ދައުލަތުން ވަނީ ފުރުން މަނާ ކުރުމުގެ އަމުރު ބާތިލު ކޮށްދެވެން ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެގޮތަށް އެދެނީ އޭނާ ފިލާފާނެ ކަަމަށް ބެލެވޭތީ ކަމަށެވެ.
ދައުލަތުން ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅާފައިވާތީ، ވީހާވެސް އަވަހަށް މި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނަގަން ފެށުމަށް އެދިފައެވެ.
ކޯޓުގެ ޖާގައިގެ ދަތިކަން ހުރިގޮތަށް ބަލާއިރު، ގާޒީ ވިދާޅުވީ، މި މައްސަލަ އެންމެ އަވަހަށް ވެސް ތާވަލު ކުރެވޭނީ އަންނަ ޖެނުއަރީ މަހުކަމަށެވެ.
ގާޒީ ވިދާޅުވީ، ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ނިންމަވާ ގޮތެއް އަންގަވާނެކަމަށެވެ.