ހުޅުމާލެ ސާފުކުރުމުގެ ހާއްސަ މަސައްކަތްތަކެއް އާބަންކޯއިން ފަށައިފިއެވެ.
އާބަންކޯއިން ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން ކުންފުނީގެ މުވައްޒަފުން ހުޅުމާލޭގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ.
30 ނޮވެމްބަރ އިން ފެށިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މަސައްކަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކުރެވިފައި ވާ ކަމަށާއި އެގޮތުން ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހިޔާ ސަރަހައްދުން މުޅި ޖުމްލަ 60 ޓަނުގެ ކުނި އެއްކުރެވިފައިވާ ކަމަށް އާބަންކޯއިން މައުލޫމާތުދެއވެެ.
އާބަންކޯއިން ބުނެފައިވަނީ ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްކަތެއް ކުރަމުންދާ ކަމަށެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ މަސައްކަތް މީގެ ކުރިންވެސް ތަކުރާރުކޮށް ކުރިއަށް ގެންގޮސްފައި ވާ ކަމަށެވެ. މިގޮތުން މަދިރި މަދުކުރުމަށް ދާދި ފަހުން ކުރިއަށް ގެންދިޔަ 'ޑެންގީ އިޖާބަ' ކެންޕެއިން ގައި ވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، މަދިރި އާލާވުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އަރބަންކޯއިން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ ހުޅުމާލެއަކީ ސާފްތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށެވެ.