މަސް ކިލޯއެއްގެ އަގު 20ރ އަށްވުރެ ދަށް ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
މަސް ކިލޯއެއްގެ އަގު 20ރ އަށްވުރެ ދަށް ނުކުރާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ރޭ މަސްވެރިންގެ ގުންޒަރު ސެޝަންގައި މަސްވެރިންގެ ޝަކުވާތައް އަޑުތައް އައްސަވާ މަސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންގެ މައްސަލަތައް ހައްލުކޮށްދެއްވުމަށާއި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރިޔާސީ އިންތިހާބު ތެރޭގައި އެމަނިކުފާނު ދެއްވި ޔަގީންކަން މިހާރުވެސް ދެއްވާ ކަމަށެވެ.
"އަޅުގަނޑުމެން ވެފައި ހުރި ވައުދުތައް އެއީ، ކޯލްޑް ސްޓޯރޭޖްތައް، މަސް ގަންނަ ތަންތަން، މަސް ކިރާ ތަންތަން އިތުރު ކުރުން، ސްޓޯރޭޖް ކެޕޭސިޓީ، މިހާރަށް ދެގުނަ ކުރުމާއި، މިހާރު ހުރި ފެކްޓްރީތަކުގެ ފެންވަރު ރަނގަޅުކޮށް އެތަންތަން ރަނގަޅު ފެންވަރަކަށް ގެނައުމާއި، އިތުރު ތަންތަން ހެދުމާއި."،
ރައީސް ޑރ. މުހައްމަދު މުއިއްޒު، މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނާއި ބައްދަލުކުރެއްވުން - ވަގުތު އިމޭޖްސް: އަބީދު
ރައީސް ވިދާޅުވީ، މިއީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ކަމަށާއި، އެ ވައުދުތައް އެމަނިކުފާނު ވެވަޑައިގެންނެވީ އެކަން ކުރުމުގެ ބޭނުމުގައި ކަމަަށެވެ.
"އެންމެ އުތުރުން އެންމެ ދެކުނަށް، ހއ. އިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް، އަޅުގަނޑު ހުންނާނެ އެކި ކަހަަަލަ ވައުދުތައް ވެފައި، އެކަން އެގޮތުގައި ކުރިއަށް ގެންދާނަން.". ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނާއި ބައްދަލުކުރެއްވުން - ވަގުތު އިމޭޖްސް: އަބީދު
ރައީސްގެ ވާހަކަފުޅުގައި ވަނީ މަސް ކިލޯއެއްގެ އަގު 20ރ. އަށްވުރެ ދަށް ނުކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. ރައީސް ވިދާޅުވީ، މަސް ކިލޯއެއްގެ އަގު 25ރ. އަށް ހިފެހެއްޓުމަކީ އެމަނިކުފާނާއި ސަރުކާރުގެ ވިސްނުންފުޅު ކަަމަށާއި، ވިސްނުމަކީ އަގު ކުޑަ ކުރުން ކަމަށެވެ.
"އަޅުގަނޑު މަސައްކަތް ކުރާނީ އެގޮތަށް، އެހެން ނަމަވެސް ތިޔަ ބޭފުޅުންނާއިވެސް މަޝްވަރާ ކުރެވި، މުޅި އިންޑަސްޓްރީއާ މަޝްވަރާ ކުރެވިގެން އަޅުގަނޑުމެންގެ ކަންތައްތައް ނިންމަމުން ނިންމަމުން ދާނީ، އަޅުގަނޑު ވީ ވައުދެއް އިރާދަކުރެއްވިއްޔާ ބަދަލެއް ނުކުރާނަން."،
އިތުރަށް ރައީސް ވިދާޅުވީ، ބޭންކިންގ ނިޒާމްގެ ތެރެއިން މަސްވެރިންނަށް އެކި ކަހަލަ ކަންކަން ފަހިކޮށްދިނުމަށްޓަކައި ވެފައި ހުރި ވައުދުތައްވެސް ފުއްދަވާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނާއި ބައްދަލުކުރެއްވުން - ވަގުތު އިމޭޖްސް: އަބީދު
"އިރާދަކުރެވިއްޔާމުން ތިޔަ ބޭފުޅުންގެ ހުރި ހުރިހާ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނަން، ބޭންކިންގ ނިޒާމްގެ ތެރެއިން ތިޔަބޭފުޅުންނަށް އެކި ކަހަލަ ކަންކަން ފަހިކޮށްދިނުމަށްޓަކައި ވެފައި ހުރި ވައުދުތައްވެސް އިރާދަކުރެއްވިއްޔާ އެގޮތުގައި އެބަ ކުރިއަށް ގަންދަން، އަޅުގަނޑުމެންގެ ހުރިހާ އަމާޒެއްވެސް މި ހުރީ ވެފައި ހުރި ވައުދުތައް ފުއްދުމާއި، އަދިވެސް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުން."،