ސްޓެލްކޯ އިން އެއްވެސް މުވައްޒަފަކު ވަކި ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މަސައްކަތަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ވެސް އެ ކުންފުނީގައި މުވައްޒަފުން މިވަގުތު އެބަތިބި ކަމަށާއި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށް މަގުމަތިކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް މުވައްޒަފަކު ބޮޑެތި ކަންތައްތަކެއް ކޮށްފައި ހުރި ނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި ނަމަވެސް ޖުމްލަ ގޮތެއްގައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯގެ ވިސްނުން ހުރީ މުވައްޒަފުން ތަމްރީނުކޮށްގެން އެކި ދިމާތަކުގައި އެ މުވައްޒަފުންގެ ބޭނުން ހިފުން ކަމަށާއި ސްޓެލްކޯގައި މިވަގުތު ޓެކްނިކަލް ދާއިރާ އިން ކިޔަވައިގެން ތިބި އެހާ ގިނަ ބަޔަކު ނެތް ކަމަށްވެސް ވިދާޅުވި އެވެ.
"މީހުން އެބަތިބި، އެކަމަކު ކުންފުންޏަށް ބޭނުންވާ ވަރަށް މިހާރު ޓެކްނިކަލް މީހުން ނެތް އަޅުގަނޑުމެންގެ ތެރޭގައި. އަޅުގަނޑުމެންގެ ވިސްނުމަކީ ރާއްޖެއިން ބޭރަށް ސްކޮލަޝިޕް ދީ ކިޔަވަން މީހުން ފޮނުވުން. މީހުން ތަރުބިއްޔަތު ކުރުން. މީހުންނަށް ތަމްރީނުދީ މި ދާއިރާ އަށް އިތުރަށް ޒުވާނުންނަށް ވެސް ފުރުސަތުދީ މުސްތަގުބަލަށް މީހުން ބިނާކުރުން،" ފަހުމީ ވިދާޅުވި އެވެ.
އަންނަ އަހަރަކީ ސްޓެލްކޯ އަށް 75 އަހަރު ފުރޭ އަހަރުކަމުން އެ އަހަރާއި ދިމާކޮށް މިފަދަ ކަމެއް ފެށުމަކީ އަމާޒެއް ކަމަށާއި ޒުވާނުންނަށް ސްޓެލްކޯގައި ފުރުސަތު އޮންނާނެ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.