ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމަށް ނިންމައި ފޯމު ހުށަހަޅުއްވައިފިއެވެ.
ސައުދާ ވާދަކުރުމަށް ނިންމާފައިވަނީ ފ. ނިލަންދޫ ދާއިރާއަށެވެ.
ސައުދާ އަކީ ރައީސް މުއިއްޒުގެ އެއްބަނޑު ބޭކަނބަލެކެވެ. ސައުދާ ހުންނެވީ ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިގެނެންނެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިލަންދޫ ދާއިރާއަށް ސައުދާ ކުރިމަތިލައްވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުންނެވެ. އަދި ޓިކެޓު ހޯއްދެވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ސައުދާ ވަނީ އިއްޔެ ފޯމު ހުށަހަޅުއްވާފައެވެ.
އޭނާގެ ފޯމާއި ހަވާލުވެޑައިގެންނެވީ ރައީސުޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން ޢަބްދުއްރަޙީމް (އަދުރޭ) އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މަޖިލީސް ޕްރައިމަރީ މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ދަނީ ތައްޔާރުވަމުންނެވެ.