10 މޭ 2025

Advertisement

މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިން ތަމްސީލު ކުރާނެ: ރައީސް

11 ޑިސެމްބަރު 2023

ސަރުކާރުގެ މަސް ކުންފުނި މިފްކޯ %100 ސަރުކާރު ކުންފުންޏަކަށް ބަދަލުވެގެން ދިއުމާއެކު އެ ކުންފުނީގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ރޭ ބޭއްވި ޖަލްސާގައި ރައިސް ޑރ. މުއިއްޒު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުން އެންމެ ފުރަތަމަ ނިންމި ކަންތައްތަކުގެ ތެރޭގައި މަސްވެރިކަމާ ގުޅިފައިވާ ކަންތައްތަކެއް ހިމެނޭ ކަމަށެވެ. އަދި މި ނިންމުންތަކުގައިވެސް ދިވެހި މަސްވެރިންނަށް ވެފައިވާ ވައުދުތައް ހަނދާންހުރި ކަމަށްވެސް ވިދާޅުވިއެވެ.

"އެގޮތުން، ވަރަށް ހާއްސަ ނިންމުމެއް މިވަނީ ނިންމާފައި. މިފްކޯއަކީ މީގެފަހުން ދިވެހި މަސްވެރިންގެ ބައިވެރިވުމާއެކީގައި ހިންގާ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ގައުމީ ކުންފުންޏަކަށް ބަދަލުވެގެންދާނެ. މިކަން ހަގީގަތަކަށް ވުމުން، މިފްކޯ ވާނީ ހަމަ ހަގީގަތުގައިވެސް މުސްތަގިއްލު ވަކި ކުންފުންޏަކަށް.".ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވިގޮތުގައި މިބަދަލު ގެނައުމުގެ އެންމެބޮޑު އެއް ބޭނުމަކީ، މިފްކޯގެ ބޯޑުން ކަންކަން ނިންމޭއިރު، މަސްވެރިންގެ ބަސް، މަސްވެރިންގެ އަޑު އެކަމުގައި ހިމެނުމެވެ. އަދި އެކަމަށްޓަކައި މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ ކަަމަށް ރައީސް ވިދާޅުވިއެވެެ.

"މިފްކޯ ތަރައްގީ ކުރުމުގައި އަދި މިފްކޯގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި މިފްކޯގެ ޕްރޮގްރާމްތައް ހިންގުމުގައި މަސްވެރިންގެ ސީދާ ބަސްކިޔާގޮތަށް، މަސްވެރިންގެ ހައްގުތައް ހޯދުމުގައި މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ބައްޓަންވާނީ. ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ ފަންނަކަށް ގެންނަންޖެހޭ އެންމެ ރަނގަޅު ބަދަލުތައް، އެންމެ ރަނގަޅަށް އެނގޭނީ ސީދާ އެ ފަންނެއްގެ އަމަލީ ތަޖުރިބާ ލިބިފައިވާ ބަޔަކަށް. އެހެންކަމުން، އަޅުގަނޑުގެ ގާތުގައި މަސްވެރިންނަކީ ވަރަށް އަގުހުރި ބައެއް. އެއީ، ރާއްޖޭގެ ކަނޑުފަޅުގެ ޙަޤީޤީ ޢިލްމުވެރިންނަކީ. އާދަޔާ ޚިލާފު ހުނަރުވެރިން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގައި އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރެއްވީ ތުރުކީއަށް ކަަމަށާއި، މި ދަތުރުގައި އަޅުގަނޑުގެ އެއް މައުޟޫއެއް ކަަމަށް ކަނޑައެޅީ ދިވެހި މަސްވެރިކަމަށް ލާބައާއި މަންފާ ހޯދޭނެ ގޮތްތައް ފަހިކުރުން ކަަމަށެވެ.

އަދި މިދަތުރުފުޅުގައި މަސްވެރިންގެ އުދާސްތަކަށް އުންމީދު ލިބިގެންދިޔަ ކަމަށާއި، އިތުބާރު ލިބިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ،

"އިރާދަކުރެއްވިއްޔާ، ލަހެއްނުވެ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީގެ މާރުކޭޓުގެ ތަނަވަސްކަމާ އެކީގައި އެތައް ހުޅުވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް