އޭސީސީ އިން ގެދޮރުވެރިޔާ ސްކީމުގެ ތަޙުޤީގު އިތުރަށް ފުޅާކޮށްފި
ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައިގެ ތަޙުޤީގު ފުޅާކޮށްފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އޭ.ސީ.ސީއިން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިޢުލާންކުރި 4000 ހައުސިންގ ޔުނިޓާއި ގުޅިގެން އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަ ބެލުމަށް ގެދޮރުވެރިޔާ ޕޯޓަލް އެކްސެސް އެ ކޮމިޝަނަށް މިހާރު ލިބިފައިވާކަމަށެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ޕޯޓަލްގެ އެކްސެސް ދިނުމާއެކު ތަޙުޤީގުގެ މަސައްކަތް އިތުރަށް ފުޅާކޮށްފައިވާކަމަށް އޭސީސީއިން ވިދާޅުވެއެވެ.
އެގޮތުން މިމައްސަލައާއި ގުޅިގެން ތަޙުޤީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ތަޙުޤީގަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ނަގަންޖެހޭ ބަޔާންތައް ނަގަމުންދާކަމަށް އޭ.ސީ.ސީއިން ވިދާޅުވެއެވެ.
އޭ.ސީ.ސީއިން ވިދާޅުވީ، މި މައްސަލައަކީ ގިނަ ބައެއްގެ މަސްލަޙަތާއި ގުޅުންހުރި މައްސަލައަކަށްވުމުން ވީހާވެސް އަވަހަކަށް މި މައްސަލަ ތަޙުޤީގުކޮށް ނިންމުމަށް ކޮމިޝަނުން މަސައްކަތްކުރަމުންދާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. މިގޮތުން މިކަމުގައި ބޭނުންކުރެވެންހުރި ފަންނީ އަދި އިންސާނީ ވަޞީލަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާކަމަށް އޭ.ސީ.ސީއިން ވިދާޅުވެއެވެ.
ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހައުސިންގ މިނިސްޓްރީއިން އޭސީސީއަށް ދެއްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. މި މައްސަލައިގައި ހިމެނޭ ކޮރަޕްޝަނަށް މަގުފަހިވާ ބައެއް ކަންކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިއްސާކުރައްވާފައިކަމަށް އޭ.ސީ.ސީއިން ވިދާޅުވެއެވެ.
އެގޮތުން ޕޯޓަލް މެދުވެރިކޮށް ބެލިބެލުމުން ޕޯޓަލް ތެރެއިން ޕޮއިންޓް ބަދަލުކޮށްފައިވާކަން ހާމަވާކަމަށް އޭ.ސީ.ސީއިންވަނީ މަޖިލީހުގެ ކޮމިޓީއަށް މަޢުލޫމަތުދެއްވާފައެވެ. އަދި އޮޓޮމެޓިކުން ލިބޭގޮތަށް ކަނޑައަޅާފައިވާ ބައިން ލިބުނު ޕޮއިންޓްތައް ބަދަލުކޮށް ބައެއް ފަރާތްތަކަށް ޕޮއިންޓް އިތުރުކޮށްފައިވާކަމަށް އޭ.ސީ.ސީއިންވަނީ އޭރު ވިދާޅުވެފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކުގެ މައްސަލަ ހޫނުވީ ސަރުކާރުން ޕޮއިންޓް ލިބުނުގޮތުގެ ތަފްޞީލު ހާމަނުކޮށް ލިބުނު ޕޮއިންޓްތައް ހާމަކުރުމުންނެވެ. އެގޮތުން އުޞޫލުގައި ބަޔާންކުރާ ޙާލަތުގައި ހުރި ބައެއް ފަރާތްތަކަށް ފްލެޓު ނުލިބި، ސަރުކާރުގެ ނުފޫޒު އޮތް ބައެއް ފަރާތްތަކަށް ފްލެޓު ލިބިފައިވާކަމަށްބުނެ ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މައްސަލަ ބަލައިދިނުމަށް އެދި އެތައް ބަޔަކު ހިމެނޭހެން ވަނީ އޭސީސީއަށް ޕެޓިޝަނެއްވެސް ހުށައަޅާފައެވެ. މިއާއެކު މައްސަލަ ބަލައި ނިމެންދެން ފްލެޓު ދިނުން މަޑުޖައްސާލުމަށް އޭސީސީއިންވަނީ އަންގަވާފައެވެ.