ކުރީގެ ސީޑީއެފް ޝިޔާމްގެ މައްސަލައިގެ ހެކިބަސްތައް ނަގައި ނިމިއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ ވީ.އައި.ޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ހޯމަ ދުވަހުގެ އަޑުއެހުމުގައި ހާޒިރުކުރި ހެކިވެރިޔާއަކީ ސިފައިންގޭގައި ޝިޔާމްއާއެކު މަސައްކަތް ކުރެއްވި ފަރާތެކެވެ. އޭނާއަކީ މިހާރު އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި އުޅުއްވާ ފަރާތެކެވެ.
ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށްވެސް ލިޔެކިއުމުން ވަކި އުސޫލެއް ނޯންނަ ކަމަށާއި، ނަމަވެސް އެތަނުގައި ލީޑަރޝިޕްގެ ހުއްދައާއެކު މީހުން ތިބޭކަމަށް މައުލޫމާތު ލިބިފައިވާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.
އެ ފެސިލިޓީގައި ޝިޔާމްގެ ބައްޕާފުޅު ހުންނެވި ކަމަށާއި، ނަމަވެސް އޭރު އެކަމާ ގުޅިގެން އެއްވެސް މައްސަލައެއް ފެންމަތިވެފައިނުވާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އޭރު ޝިޔާމްގެ ބައްޕާފުޅު ހުންނެވި މުއްދަތެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިޔާމްގެ ބައްޕާފުޅު ޑޮކްޓަރަށް ދައްކަން ގެންދިއުން ފަދަ ކަންކަމަށް އެތަނުގެ ވެހިކަލްވެސް ބޭނުންކޮށްފައިވާނެ ކަމަށާއި، އާންމު އުސޫލުން މުހިއްމު ކަންކަމުގައި ވެހިކަލް ފޯރުކޮށްދޭކަމަށް އެ ހެކިވެރިޔާ ވިދާޅުވިއެވެ.
މިހާރުވެސް ވިލިނގިލީގެ އެމްއާރްސީސީގައި މީހުން ބައިތިއްބާނަމަ އަމަލު ކުރާނެ ވަކި އުސޫލެއް ލިޔެވިފައި އޮތްތަން ފެނިވަޑައިގެންފައިނުވާ ކަމަށާއި، އެތަނުގައި މީހުން ބައިތިއްބަނީ ލީޑަރޝިޕްގެ ހުއްދަ ލިބުމުންކަމަށް އޭނާ ވިދާޅުވިއެވެ.
އެތަނުގައި ތިބެވެނީ ޗީފް ނުވަތަ ވައިސް ޗީފްގެ ހުއްދަ ލިބިގެންކަން މީގެ ކުރިންވެސް ދިފާއީހެއްކަކުފާހަގަ ކުރައްވާފައިވެއެވެ. އެގޮތަށް އަމަލުކުރިނަމަވެސް އެއީ ލިޔެވިފައި އޮންނަ އުސޫލެއް ނޫންކަމަށް އޭނާވެސް ވިދާޅުވިއެވެ.
މިހާރު މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުޙަލާ ނިމިފައިވާއިރު، ދެން އޮންނާނީ ހެއްކާގުޅޭގޮތުން ވާހަކަ ދެއްކުމާއި، ޚުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ. އެ އަޑުއެހުން އަންނަ ޖެނުއަރީ މަހު ތާވަލު ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އާމިނަތު އަޒްލިފާއެވެ.
މި މައްސަލައަކީ ޝިޔާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުންނެވިއިރު، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕާފުޅު ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައެކެވެ.
މި މައްސަލައާއި ގުޅިގެން ޝިޔާމުގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.