ޝިފާއުއާ ދެކޮޅަށް އިހަވަންދޫ ކައުންސިލުން ބަޔާނެއް ނެރެފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި ކުރުމަށް ޝިފާއު ކުރައްވަމުން ގެންދަވާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައި އިހަވަންދޫ ކައުންސިލުން ޝިފާއުއާ ދެކޮޅަށް ބަޔާނެއް ނެރެފިއެވެ.
އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލް މެމްބަރުން ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި އޮންނަ ގާނޫނީ އިޖްރާއަތު ބަދަލުކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުންގެ އެމްޑީޕީގެ މެޖޯރިޓީ މެންބަރުން އިސްނަންގަވާ ކުރައްވަމުން ގެންދަވާ މަސައްކަތަކީ ދިމިގްރާތީ ނިޒާމާ ދެކޮޅަށް ކުރައްވާ ވަަރަށް ނާތަހުޒީބީ ހުތުރު ކަމެއް ކަމަށެވެ.
އަދި މި ހާލަތުގައި މިފަދަކަންކަން ބަދަލުކުރުމަށް ކުރައްވާ މަސައްކަތުގެ މައްޗަށް ނަޒަރުކޮށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ނިޔަތާއި އިހްލާސްތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ބަޔާނުގައިވެއެވެ.
"ހަމައެހެންމެ 2023 ގެ ރިޔާސީ އިންތިހާބުގައި ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ނިންމެވި ނިންވުމާއި ދެކޮޅަށް ގޮންޖައްސަވަައި ކުރައްވަމުންގެންދަވާ ކަމެއްގެ ގޮތުގައި ފާހަގަކޮށް ހިންގަވަމުންގެންދަވާ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން." ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެއީ ދިވެހި ގައުމުގެ މަސްލަހަތު ނަގާލައި ގައުމު ހަލަބޮލި ކޮށް ގައުމުގެ މިނިވަންކަމާއި އަމަން އަމާންކަމަށް އެއިގެ ނުބައި އަސަރުކޮށް ކަޅު ހިޔަނިއެޅި ލޭ އޮހެރެވުމަކަށް މަގު ފަހިވެގެން ހިނައިދާނެ ކަމަށްވެފައި އަދި ގައުމުގެ މިނިވަންކަން ގެއްލިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ފެންނާތީ މި ފަދަ އަމަލުތައް ހުއްޓުވުމަށް ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
" ރައްޔިތުންގެ މަޖިލީގެ މެންބަރުންގެ ތެރެއިން އެމްޑީޕީގައި ހިމެނޭ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރައްވަމުން ގެންދަވަނާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި އިހަވަންދޫ ދާއިރާގެ މެންބަރު ރައްޔިތުންގެ ވިންދާއި ޝުއޫރާއި ދެކޮޅަށް އިސްވެ ނިކުންނަވައި ކުރައްވަމުން ގެންދަވާ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަން." އިހަވަންދޫ ކައުންސިލްގެ ބަޔާނުގައިވެއެވެ.
ޝިފާއު އިއްޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން އޭނާއަށް ވަނީ ސޯޝަލް މީޑިއާގައި މީހަކު މަރުގެ އިންޒާރު ވެސް ދީފައެވެ.