ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރަންޖެހެނީ ކީއްވެ؟
އަޅުގަނޑުމެންގެ މި ދިވެހި ދީބުގެ ތެރެއިން ގިނަ މީހުންނަކީ އަމިއްލަ ދަރިން ނުވަތަ އަމިއްލަ އާއިލާ ދެކެ ނުހަނު ލޯބިވާ ބައެކެވެ. ވަކިން ޚާއްސަކޮށް ކުޑަކުއްޖެއްނަމަ އޭނާއަށްދެވޭ އަޅާލުމާއި، އޯގާތެރިކަން ވަރަށް ބޮޑެވެ. ނަމަވެސް ކެނޑިނޭޅި އަޅުގަނޑުމެންގެ ކަންފަތަށް އިވެމުންދާ އެންމެ އަސަރުކުރުވަނިވި އެއްވާހަކައަކީ އަޅުގަނޑުމެންގެ ތުއްތު މައުޞޫމް ދަރިންނަށް ބޮޑެތި މީހުންގެ ފަރާތުން ލިބެމުންދާ އަނިޔާތަކުގެ ވާހަކައާއި އެކުދިންނަށް އިހުމާލުވެ އަޅާނުލާ ވާހަކައެވެ. އަދި އެކުދިން ޙައްޤުތަކުން މަހުރޫމްކޮށް އެކަހެރިކޮށް ބާކީ ކުރާ ވާހަކައެވެ. ގިނަ ފަހަރަށް އެކުދިންގެ ޙައްޤުތަކަކީ ކޮބައިކަމާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާތައްވެސް ގިނަ މީހުންނަށް މިއަދު މިވަނީ އޮޅި ވާނުވާ ނޭގޭ ހިސާބަށް ގޮސްފައެވެ. އަދި ބައެއްފަހަރު އެކުދިންގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައްވެސް މިވަނީ ބައެއް މީހުންނަށް ނޭގުމެއްގެ ތެރޭގައެވެ. މިއީ މިއަދުގެ ޖީލުގެ ހާލަތެވެ.
ކަން މިހެން ހުރިނަމަވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންނަށް އަޅާލާ ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. ވާޖިބެކެވެ. އެހެންކަމުން މިމަޒުމޫނުގައި އަޅުގަނޑު ބަޔާންކޮށްދޭނީ މިދިވެހި މުޖުތަމަޢުގައި ކުޑަކުދިންނަކީ ކޮބައިކަމާއި، އަދި އެކުދިންގެ ޙައްޤުތަކީ ކޮބައިކަމާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާތަކާއި، އެކުޑަކުދިންނަށް ކުރާ އަނިޔާތަކުން އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ.
ކުޑަކުދިންނަކީ ކޮބައިތޯއެވެ. އާދެ! ރައްޔިތުންގެ މަޖިލިސް (2008) ގައި ބަޔާންކޮށްފައިވާގޮތުން "ކުޑަކުދިން" ގެގޮތުގައި ބެލެވެނީ މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ އަދި ދުނިޔެއަށް އުފަންވުމަށްފަހު މީލާދީ ގޮތުން 18 އަހަރު ފުރިހަމަނުވާ ކުދިންނެވެ. ކުޑަކުދިންނަކީ މުޖުތަމައުގައި ހިމެނޭ އެންމެ ނާޒުކު އަދި އެންމެ މުހިންމު އެއްބައެވެ. އަދި ހަމައެހެންމެ ކުޑަކުދިންނަށް އަދި އެކުދިންނަށް ޚާއްސަ ރައްކާތެރިކަމާ އެހީތެރިކަން ބޮޑެތި މީހުންގެ ކިބައިން ބޭނުންވެއެވެ. ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ލޯތްބާ އަޅާލުމަކީ ކުދިން ހެޔޮގޮތުގައި ހެދިބޮޑުވުމަށް ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން އަޙްމަދު ނާފިޢު(2013) ވިދާޅުވާގޮތުގައި ދަރިންނަކީ އިންސާނުންނަށް މާތްﷲ ދެއްވާފައިވާ ވަރަށް އަގުބޮޑު ހަދިޔާއެކެވެ. ނިޢުމަތެކެވެ. މިމަޒުމޫނުގައި ދަރިން ކަމުގައި ބަލާފައި މިވަނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހެންމީހުންގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާ ކުޑަކުދިންނަށެވެ.
އަޅުގަނޑުމެން މިއަދު ކުޑަކުދިންގެ ވާހަކަ ދައްކާއިރު، ކުޑަކުދިންނަށް ލިބިދީފައިވާ ޙައްޤުތަކުގެ ވާހަކަވެސް ދައްކަން ޖެހެއެވެ. ކޮންމެ މީހަކުވެސް މިއަދު އަޑަށް ބާރުލާ އެމީހަކަށް ލިބިދޭ ޙައްޤުތަކެއްވެއޭ ބުނަމުންދާއިރު، ކުޑަކުދިންގެ ޙައްޤުތަކަށް އިސްކަންދީ، އެކުދިންގެ ޙައްޤުތަކަކީ ކޮބައިކަންވެސް މިއަދު އެނގެންޖެހެއެވެ. މިގޮތުން 1991 ވަނަ އަހަރު ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ވުޖޫދަށް އައިސްފައިވާއިރު، މި ޤާނޫނުގެ ދަށުން މުޖުތަމަޢުގައި އެކިހައިސިއްޔަތުން ޙަރަކާތްތަރިވާ ފަރާތްތަކުން ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވެއެވެ(ރައްޔިތުންގެ މަޖިލިސް، 2008). އެގޮތުން، ސަރުކާރުންނާއި، މައިންބަފައިންނާއި ޢާއްމު ރައްޔިތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްކުރަންޖެހޭ ކަންކަން ވަރަށް ޞަރީހަކޮށް މި ޤާނޫނުގައި ބަޔާންވެގެންވެއެވެ. މިގޮތުން ކޮންމެ އިންސާނަކަށްވެސް އިންސާނަކަށްވީތީ ލިބިދޭ ޙައްޤުތަކެއްވެއެވެ. އަދި މިގޮތުން ކޮންމެ އިންސާނަކަށް ލިބޭ ކޮންމެ ޙައްޤަކީ ކުޑަކުއްޖަކަށް ވިޔަސް، ޒުވާނަކަށް ވިޔަސް ނުވަތަ މުސްކުޅިއަކަށް ވިޔަސް ކަށަވަރުކޮށްދޭންޖެހޭ ޙައްޤުތަކެއްކަމަށް އިސްމާއިލް ނާޖީ (2003) ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަތައް ބަޔާންކޮށްފައިވީނަމަވެސް މިއަދު ގިނަ މީހުންނަށް އެ ޙައްޤުތަކަކީ ކޮބައިކަން ބުނެދޭކަށް ނޭގެއެވެ. އަދި އެއީ ކޮންކޮން ކަންތައްތަކެއްކަން ގިނަފަހަރަށް އޮންނަނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. އެހެންނަމަވެސް މި ޙައްޤުަތަކާއި ބެހޭގޮތުން ކުރު ގޮތަކަށް ބަލައިލާނަމެވެ. މިގޮތުން ކުޑަކުދިންގެ ޙައްޤުތައް ބެހެނީ މައިގަނޑު 4 ބަޔަކަށެވެ. އޭގެތެރޭގައި:-
1- ދިރިހުރުމުގެ ޙައްޤު. މިއީ ކުއްޖާއަށް ބޭނުންވާ ބޯހިޔާވެހިކަމާއި، ސިއްޙީ ފަރުވާ އަދި ކާނާ ލިބިދޭންޖެހޭ ޙައްޤެވެ.
2- ހެދިބޮޑުވުމުގެ ޙައްޤު. މިއީ ކުއްޖާއަށް ބޭނުންވާ ތަޢުލީމް ލިބުމާއި، ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމާއި، މަޢުލޫމާތު ހޯދުމުގެ ޙައްޤެވެ.
3- ރައްކާތެރިކަމުގެ ޙައްޤު. މިއީ ކުޑަކުދިންނަށްކުރާ އެންމެހާ ނޭދެވޭ ޢަމަލުތަކުން ސަލާމަތްވުކުރުމާއި، ޖިންސީ ގޯނާތަކުން އެކުދިން ރައްކާތެރިކުރުމާއި، ކުޑަކުދިން ލައްވާ މަސައްކަތްނުކުރުވުމުގެ ޙައްޤެވެ.
4- ބައިވެރިވުމުގެ ޙައްޤު. މިއީ ކުޑަކުދިން މުޖްތަމަޢުގައި އެކަށީގެންވާ ދައުރެއް އަދާކުރުމުގެ ޙައްޤެވެ. މިސާލަކަށް: ކަންކަމުގައި ޚިޔާލު ފާޅުކުރުމާއި، އަމިއްލަ ދިރިއުޅުމާއި ގުޅުން ހުރިކަންކަމާމެދު ޙިޔާލު ފާޅުކުރުން ހިމެނެއެވެ.
މީގެއިތުރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ ދަށުން ލިބިގެންވާ ޙައްޤުތަކުގެ ތެރޭގައި، ތަފާތުކުރުމެއްނެތި ޙަޢްޤުތައް ލިބުން، ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުން، ދިރިހުރުމުގެ ޙައްޤު، ދުނިޔެއަށް އުފަންވުމާއެކު ރަޖިސްޓްރީކުރުން، ޤައުމަކަށް ނިސްބަތްވުމުގެ ޙައްޤު، އެކުއްޖެއްގެ ވަންތަކަން ރައްކާތެރިކުރުމުގެ ޙައްޤާއި ޢާއިލާއާއެކު ދިރިއުޅުމުގެ ޙައްޤު ހިމެނެއެވެ. އެހެންކަމުން އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ ޘަޤާފަތެއް ބިނާކުރުމަށް ކުޑަކުދިންގެ ޙައްޤުތަކަކީ ވަރަށްމުހިއްމު އެއްޗެއްކަންވެސް ފާހަގަކޮށްލެވޭކަމަށް ފަތުޙުﷲ އަޙްމަދު ރަޝީދު (2014) ވިދާޅުވެފައިވެއެވެ. އެއީ ކުރިއަށް އޮތް ޖީލްތަކަށް އިންސާނީ ޙައްޤުތައް ވާސިލްކޮށް ދިނުމަށް މުހިއްމުދައުރެއް އަދާކުރާނެ ވަސީލަތަކަށް ކުޑަކުދިން ވާނެތީއެވެ.
ކުޑަކުދިންނަށް ޙައްޤުތަކެއް ލިބިފައިވާ ފަދައިން އެޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކެއް ވާނެކަން ކަށަވަރެވެ. އެއީ ކުޑަކުދިންނަކީ މާދަމާގެ މުސްތަގްބަލެވެ. ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ގުޅިފައިވަނީވެސް ހަމަ އެ ކުޑަކުދިންނާއެވެ. އަޅުގަނޑުމެންގެ ތުއްތު ދަރިންނާއެވެ. ރައްޔިތުންގެ މަޖިލިސް(2008) ގައި ބަޔާންކޮށްފައިވާގޮތުން ދިވެހިރާއްޖެއިން ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ މުޢާހަދާ ތަޞްދީޤްކޮށްފައި ވަނީ 11 ފެބްރުއަރީ 1991 ގައެވެ. މިފަދަ މުޢާހަދާއެއް ތަޞްދީޤްކުރިނަމަވެސް ބައެއް ފަރާތްތަކުން ކުޑަކުދިންނާއި މެދު އިހްމާލްވެ އަޅާ ނުލާ މުޖުތައުމުގެ ތެރެއަށް ދޫކޮށްލުންވެސް މީ މިދިވެހިރާއްޖޭގައި ހިނގަމުން އަންނަކަމެވެ. ހަމަ އެހެންމެ ވިހާފައި މަރާލުމުގެ ހާދިސާތަކާއި ބައިންބަފައިންގެ ލޯބިން ދަރިން މަހުރޫމްކޮށް ބާކީ ކޮށްލުމުގެ ހާދިސާތައްވެސް ރާއްޖޭގައި އިތުރުވަމުން އަންނައިރު މިފަދަ ދަށުދަރަޖައިގެ ކަންތައްތަކަކީ އެއްގޮތަކަށްވެސް އިސްލާމީ ޤައުމެއްގައި ހިނގައިގެން ވާނޭ ކަންތައް ތަކެއް ނޫނެވެ. ހަމަ އެހެންމެ އެފަދަ ނުބައި ޢަމަލުތަކަކީ ﷲ ނަހީކުރަށްވާފައިވާ، އާޚިރުގައި އެމީހަކާއި މެދު ސުވާލުވެވި އޭގެ އުޤޫބާތް ލިބެނިވި ކަންތައްތަކެއްކަން ޔަޤީނެވެ.
މިގޮތަށް މިކަން އޮތްއިރު، އަޅުގަނޑުމެންގެ ދަރީން ތުއްތު އިރުގައި ތަރުބިއްޔަތުކޮށް ހެޔޮގޮތުގައި ބަލާ ބޮޑުކޮށް އެކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ ހަމަ ކޮންމެ މަންމަޔަކާއި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ. އެ ވާޖިބް ފުރިހަމަ ގޮތުގައި އަދާނުކުރެވިއްޖެނަމަ އެ ދަރީންނަކީ އަޅުގަނޑުމެންނަށް ކުރިމަތިވާ ހިތާމަޔަކާއި ހިއްދަތިކަމަކަށް ނުވެ ނުދާނެއެވެ. މިގޮތުން މަރިޔަމް ޢިނާޝާ (2014) ވިދާޅުވެފައިވަނީ2008 ވަނަ އަހަރު ވޮޝިންޓަންގައި ކުދިންތަކެއް ކުޅެން އުޅުމުގެ ތެރޭން ''ނަރުޓޯ'' ކާރޓޫން ގެ ސްޓަންޓެއް ޖެއްސުމަށް ކުއްޖަކު ދިރިހުއްޓާ ވަޅުލުމުން އެކުއްޖާ މަރުވެފައިވާކަމަށެވެ. މިއީ ކޮންބައެއްގެ އިހުމާލެއްތޯއެވެ. އެކުދިންގެ މައިންބަފައިން ނުވަތަ އާއިލާ ފިޔަވައި ދެން ވަކި ކޮންބައެއްގެ އިހުމާލެއްތޯއެވެ. މިއީ ހަމަ ދަރިން ރަނގަޅު ގޮތުގައި ނުބެލެހެއްޓުމުގެ ޒިންމާކަން ޔަޤީނެވެ. ނަމަވެސް އެދަރިންނަކީ އަޅުގަނޑުމެންގެ ހިތުގެ ފިނިކަމެވެ. އެދަރިންނަށް އަޅުގަނޑުމެން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ނުދީފިނަމަ އެ ހާލާކުކޮށްލެވެނީ މުސްލިމް އުންމަތުގެ ބައެކެވެ. އެ އުފެއްދެނީ އުންމަތް އެ ބަޔަކާއި މެދު ހިތާމަކުރާނެ ފަދަ ބައެކެވެ. އެހެންކަމުން ކުޑަކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމުގެ ޒިންމާ އެކުދިންގެ މައިންބަފައިންނާއި އާއިލާ އަދި ބެލެނިވެރިން އުފުލަމުންދެއެވެ. އަދި ބެލެނިވެރިން އެޒިންމާތައް އުފުލަމުންދާއިރު، ރައްޓެހިންނާއި އަވަށްޓެރިންނާއި، ސްކޫލް މަދަރުސާތަކާއި ކަމާބެހޭ ފަރާތްތަކާއި، އެންމެހާ ފަރުދުން އެކީ އެއްބައިވެ އަތުކުރި އޮޅާލައި އެޒިންމާ ފުރިހަމައަށް އަދާކޮށްދިނުމަށް މަސައްކަތްކޮށްދިނުމަކީ މިއަދު ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް މިޒިންމާ އަދާކުރެވިއްޖެނަމަ އެކުދިންގެ ޙައްޤުތައް ރައްކާތެރިވެ، އެކުދިނަށް އަމާން މުޖުތަމަޢުއެއް ޤާއިމްވެގެންދާނެއެވެ.
ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަތައް ގިސްލާ ރޮމުން މިއަދު އަޅުގަނޑުމެން ދައްކަމުންދާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ވާހަކަ، ރެއާއި ދުވާލު ކެނޑިނޭޅި އަޅުގަނޑުމެންގެ ކަންފަތްތަކުގައި މިވަނީ ހަރުލާފައެވެ. މިގޮތުން ދާދި މިދާކަށްދުވަހު (28 ފެބުރުއަރީ 2015) ވ.ރަކީދޫގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޢުމުރުން އެންމެ 3 އަހަރުވެސް ނުވާ އިބްތިހާލުގެ މައްސަލަ ފާހަގަކޮށްލަން ޖެހޭއިރު، އަޒުލިފާ ޢަބްދުﷲ (2015) ވިދާޅުވަނީ އޭގެ ކުރީން، ދޭތެރެއަކުން އެފަދަ އަޑެއް އެރިނަމަވެސް، މި ވޭތިވެދިޔަ މަހެއްހައި ދުވަސް ވެގެން ދިޔައީ، ކުޑަކުދީންނަށް ކުރެވޭ އަނިޔާގެ ވާހަކަތައް މާ ގަދައަކަށް ދެކެވުނު ދުވަސްތަކަކަށް ކަމަށެވެ. މިއީ ހަމަ ކުޑަކުދިންނަށް ކުރެވޭ އަނިޔާކަން އެކުދިންގެ މައިންނަށް ނޭގެނީ ބާވައެވެ. އަދި އެ އަނިޔާގެ ސަބަބުން އެކުދިންގެ ޙައްޤުތަކުން މަޙުރޫމްވަކަންވެސް ނޭގެނީ ބާވައެވެ. މިވެސް ހަމަ ނޭގިގެން ކުރެވޭ ކަންތައްތައް ބާވައެވެ. ނުވަތަ އެކުދިންނަށް އެއްވެސް ކުލުނެއް އެމައިންގެ ނުހުންނަނީ ބާވައެވެ. މިއީ ހައްތާވެސް ހިތުގައި އުފެދޭ ސުވާލެވެ.
ކަންމިހެން ހުރިނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އެކުދިންނަށް އިހުމާލުވާ މައްސަލަތައް މިރާއްޖޭގައި ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި، ޖިސްމާނީ ހާނިއްކަ، ޖިންސީ ހާނިއްކަ، ބަދުއަޚްލާޤީ ޢަމަލު ހިންގުން، އުމުރާ ނުގުޅޭ މަސައްކަތްކުރުވުން، ގެއިން ބޭރަށްލުން، ބިރުދެއްކުން، އަސާސީ ޚިދުމަތް ތަކުން މަހްރޫމުކުރުން ޤާނޫނާއި ޤަވާއިދާ ޚިލާފު ޢަމަލުތައްކުރުވުން ހިމެނެއެވެ. މީގެއިތުރުން އުމުރާ ނުގުޅޭ ކަންކަމަށް ކުއްޖާ ހުށަހެޅުން، ވިހެއުމަށް ފަހު ނުވަތަ މައިމީހާގެ ބަނޑުތެރޭގައި އޮއްވާ މަރާލުން، ޅަފުރާގައި ކައިވެނިކޮށް ދަރިން ހޯދުމަށް މަޖްބޫރުކުރުވުން، އަދި ނަފްސާނީ ގޮތުން ބިރުދެއްކުން ފަދަ ކަންތައްތައް ހިމެނެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކުޑަކުދިން ހާނިކައިން ހިމާޔަތް ކުރުމުގެ ދުވަހުގެ މަޤްޞަދަކީ، ކުޑަކުދިންނަށް ކުރެވޭ ތަފާތު ހާނިކަތަކުން އެ ކުދިން ސަލާމަތް ކޮށް، ކުޑަކުދިންނާއި މެދު ކުރެވޭ އެފަދަ އަމަލުތައް އެންމެންގެ ސަމާލުކަމަށް ގެނައުމާއި އަދި އެފަދަ އަމަލުތައް ހުށްޓުވުމެވެ. މިގޮތުން ދާދި މިދާކަށްދުވަހު މުޅި ރާއްޖޭގައި ފާހަގަ ކުރި ކުޑަކުދިން ހާނިކައިން ހިމާޔަތް ކުރުމުގެ ދުވަހުގެ މުނާސަބަތުގައި ތަފާތު އެކި ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ ''ކުޑަކުދީންނަށް ކުރާ އަނިޔާ ހުއްޓުވުން – އަހަރެންގެ ޒިންމާ'' އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ވާހަކަ ދައްކާއިރު، ކުޑަކުދިންނާއި މެދު ކުރެވޭ އިހާނެތި އަމަލު ތަކުގެ ވާހަކައަކީ މީގެ އަހަރުތަކެއް ކުރިން މާ އާންމު ވާހަކައެއް ނޫނެވެ. ދިވެހިންގެ ތެރޭގައި ކުޑަކުދިންނަށް ކުރެވޭ އަނިޔާތައް ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައެއް ނެތެވެ. އެހެނަސް ޒަމާން ބަދަލުވެ މިއަދު މިއޮތީ މުޅި ޤައުމުގައި ކުދަކުދިންނަށް ކުރާ އަނިޔާތަކުން އެކުދިން ސަލާމަތް ކުރުމުގެ އާ ރޫޙެއް އުފެދިފައެވެ. މީގެ އަހަރުތަކެއް ކުރިން އެފަދަ އަނިޔާ ތަކުގެ ވާހަކަ އާއްމު ނުވިކަމުގައިވިޔަސް އެފަދަ އަމަލުތަކަކީ ނިސްބަތުން ބަލާއިރު ރާއްޖޭގައި ބޮޑު މައްސަލައެކެވެ.
ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާ ތަކުގެ ތެރޭގައި އެކުދީންނަށް ކުރެވޭ ޖިސްމާނީ އަނިޔާ ތަކާއި ނަފްސާނީ ގޮތުން ކުރާ އަނިޔާތައް ހިމެނެއެވެ. ކުޑަކުދިންނާއި މެދު ކުރާ ބަދުއަހްލާޤީ މައްސަލަތަކުގެ ޚަބަރު ތައް ރާއްޖޭގެ އެކިކަންކޮޅުތަކުން އަބަދުމެ އަޑު އިވެމުންދެއެވެ. އެބާވަތު އަނިޔާ ކުރަނީކީ ހަމައެކަނި އެކުދީންގެ ބީރައްޓެހި މީހުންނެއް ނޫނެވެ. ބައްޕަ، ބޭބެ ނުވަތަ މަންމަ ގެ ފަރާތުންވެސް ޖިންސީ އަނިޔާކުރަމުންދެއެވެ. އަދި މިހާރު ބިދޭސީންގެ ފަރާތުން މިބާވަތުގެ ދަށުދަރަޖައިގެ އަމަލުތައް ދަނީ ފެންނަމުންނެވެ.
ކަންމިހެންހުރިނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަކީ އެންމެންގެ ޒިންމާއެކެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތައް ހުއްޓުވުމަށްޓަކައި އެ ކުދީންގެ އުމުރާއި ގުޅޭ ގޮތުން ތަފާތު މައުލޫމާތު ދެވިދާނެއެވެ. މިސާލަކަށް: ''ދަރިފުޅުގެ ނުރުހުމުގައި ދަރިފުޅުގެ ގައިގައި އެއްވެސް މީހަކު އަތްލުމަކީ މަނާކަމެއް''. މިފަދަ އާދައިގެ އިބާރަތް ތައް ބޭނުން ކޮށްގެން އެކުދީންނަށް ކަންތައްތައް ދަސްކޮށްދެވިދާނެއެވެ. އާއިލާ ތެރޭގައި އިސްލާމީ ރިވެތި އާދަތައް ގެންގުޅުމަކީވެސް އެ ކުދީންނާއި މެދު ކުރާ އަނިޔާތަކުން ސަލާމަތް ކުރެވިދާނެ ގޮތެކެވެ. ނަފްސާނީ އަނިޔާތައް ހުއްޓުވުމަށް ޓަކައި އެ ކުދީންނަށް އަދަބު ދޭއިރު އެ ކުދިންގެ އުމުރާއި ގުޅޭ އަދަބު ދެވިދާނެއެވެ. އަދަބު ދިނުމަކީ އަނިޔާކުރުމެއް ނޫނެވެ. އެހެނަސް ބައެއް ބެލެނިވެރިން އަދަބު ދިނުމުގެ ގޮތުން އަނިޔާތައް ކުރަމުން ދަނީ ކަންބޮޑުވާ ފަދަ ދަރަޖައަކެވެ. އަދަބު ދިނުމުގެ ގޮތުން އެކުދިން އެންމެ ކުރާހިތްވާ ކަމެއް ވަކި ވަގުތެއް ނުވަތަ މުއްދަތެއް ވަންދެން ކުރުން މަނާ ކުރުމަކީ އެކުދިން އިސްލާހު ކުރުމަށްޓަކައި ދެވިދާނެ އަދަބެކެވެ.
އިސްވެ ދެންނެވުނުފަދައިން ކުޑަކުދީންނަށް ކުރާ އަނިޔާތައް ހުއްޓުވުމަކީ އެންމެންގެ ވެސް ޒިންމާއަކަށް ހަދައިގެން މަސައްކަތް ކޮށްފިނަމަ އެފަދަ އަނިޔާތައް މަދުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާ އެއް ކުރާ ކަން އެގިއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމަކީވެސް އެފަދަ އަމަލު ކުރާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ނުދިނުމުގެ ގޮތުން ކުރެވިދާނެކަމެކެވެ. އާއިލާ މީހެއްގެ ފަރާތުން އެފަދަ އަމަލެއް ފެނުނަސް އެކަން ސިއްރު ނުކޮށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް އެނގުމަކީ މުހިއްމުކަމެކެވެ.
މިފަދަ އަނިޔާތަކާއި ގުޅިގެން އެންޑަރސަން،ސީ.އޭ (2003) ހާމަކުރައްވާގޮތުގައި ގޯނާކުރާ ވީޑިއޯގޭމް ކުޅުމަށް ހޭދަކުރާ އުމުރަކީ، އެކުދިން އެހެން މީހުންގެ އިޙުސާސްތައް އުގެނި ދިމާވާ މައްސަލަތައް ސުލްޙަވެރި ކަމާއެކީ ޙައްލުކުރަންވާގޮތް އެނގިގަންނަން ޖެހޭ އުމުރުކަމަށެވެ. އެންޑަރސަން، ސީ.އޭ ، ޖެންޓައިލް، ޑީ.އޭ، އަދި ބަކްލޭ، ކޭ.އީ (2007) ހާމަކުރައްވާ ގޮތުގައި ކުޑަކުދިން ކުޅޭ ގޭމްތަކުގައި އެކުލެވޭ ބައިތައް (ކޮންޓެންޓް) ވަޒަން ކުރުމުން އެފަދަ ގޭމްތަކުގެ ބޮޑުބައެއް ހިމެނެނީ ގޯނާކުރުން ކަމުގައި ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމަށްވާއިރު، މިރާއްޖޭގައި ގިނަ ބެލެނިވެރިން ނުވަތަ މައިން ބަފައިންނަށް ނޭގި ނަމަވެސް ކުއްޖާއަށް އެދެވެނީ އަނިޔާއެއްކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ.
ކަންމިހެންހުރިނަމަވެސް ކުޑަކުދިންނަށްކުރާ އަނިޔާތަކާއި ގުޅިގެން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ވިދާޅުވެ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ކަމާބެހޭ ވުޒާރާތަކުން ވާހަކަ ދައްކަމުންދާއިރު، އެކުދީންނަށް އަނިޔާ ކުރުމަކީ، އިއްޔެއަކު މިއަދަކު ދިވެހީންގެ ތެރޭގައި ހިނގާންފެށި ކަމެއް ނޫނެވެ. މާ ކުރީންސުރެ ހިނގަމުން އަންނަކަމެކެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން، ބޮޑެތި އަނިޔާތައް ކުޑަކުދީންނަށް ލިބެމުން އައިސްފައިވެއެވެ. އެހެންނަމަވެސް އެއީ މި ޒަމާނާ މުޅީން ތަފާތު ޒަމާނެކެވެ. ސޯޝަލް މީޑިޔާގެ މާ ބޮޑު ދައުރެއް ނެތް ޒަމާނެކޭވެސް ދެންނެވިދާނެއެވެ. އެހެންކަމުން އެޒަމާނުގައި މިފަދަ ކަންކަން މީހުންނަށް އެނގޭ މިންވަރު ވަރަށްވެސް ކުޑައީއެވެ. އަދި ކުޑަކުދިންގެ ހައްޤުތަކަކީ ކޮބައިކަން ނޭގޭއިރު، އެކުދިންނަށް އަނިޔާކުރުމަކީ ކޮބައިކަންވެސް އެޒަމާނުގައި ހަމަ ނޭގެނީއެވެ. އަޙްމަދު ނާފިޢު (2015) ލިއުއްވާފައިވާ ހަޤީޤީ ހާދިސާއެއްގައި ''ބޮޑުތަދުގެ ދުވަސްވަރު ކުޑަކުއްޖަކު ބަނޑުހައިވެގެން ރޯން ފެށުމުން އެކުއްޖާ އަލިފާންގަނޑަށް އެއްލައިލި ރަހުމްކުޑަ މަޔަކާއިބަފައެއްގެ ވާހަކަ'' އަކީވެސް މިރާއްޖޭގެ މާޒީގައި ހިނގާފައިހުރި ރަހުމްކުޑަ ހާދިސާތަކެވެ. މިފަދަ ހާދިސާތަކާއި ގުޅޭގޮތުން ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2013) ވިދާޅުވެފައިވަނީ އަނިޔާ ތަޙައްމަލުކުރާ ކުއްޖަކު ފާހަގަކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެކުއްޖަކަށް ނުވަތަ ބެލެނިވެރިޔާއަށް ވެވުނު ގޮތަކުން ވެވުނު މިންވަރަކުން އެހީތެރިވެދިނުންކަން އަމިއްލަޔަށް ޤަބޫކުރަން ޖެހޭކަމަށެވެ. އެއީ މި ފަދަ އަނިޔާއާއި ވޭން އިޙުސާސްކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.
އެހެންކަމުން އެކުދިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ހަމަ އެންމެންގެ ޒިންމާއެކެވެ. ޙާއްޞަކޮށް ކުއްޖާގެ މައިންބަފައިނާއި ބެލެނިވެރިން އަދި ޢާއިލާތަކުގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. މިޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރެވިއްޖެނަމަ އެކުދިންނަށްކުރާ އަނިޔާތަކުން އެކުދިން ރައްކާތެރިކޮށް އެކުދިންނަށް އަމާން މުޖުތަމަޢުއެއް ހޯދިދާނެއެވެ. އަދި މިކަމުގެ ސަބަބުން އެކުދިންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދެވޭނެކަން ޔަޤީނެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އަމަން މުޖުތަމަޢުއެއް ޤާއިމްކޮށްދިނުމަށް މަސައްކަތްކުރަމުންދާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިވުމައްޓަކައި އެޅިދާނެ ފިޔަވަޅުތަކެއްގެ ވާހަކަވެސް މިއަދު ދައްކާލަން އެބަޖެހެއެވެ. އެހެނީ ގިނަ ފަހަރަށް މިފަދަ ކުދިން ޙައްޤުތަކުން މަހުރޫމް ވަނީ އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް ކިޔައިދެވިފައިވެސް ނެތުމުންނެވެ. އަދި ކުދިންގެ ހޭލުންތެރިކަންވެސް މިކަމަށް ނެތުމުންނެވެ. މިކަމާއި ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ ހެޑް ޕޮލިސް ސްޓާރފް ސަރޖަންޓް ސައުދިއްޔާ އަޙްމަދު (2015) އާއި ސުވާލުކުރެއްވުމުން ވިދާޅުވެފައިވަނީ ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށްބަލާއި އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތައް އެކުދިންގެ ބަލަދުވެރި ފަރާތަށް ގިނަ ފަހަރަށް އެގިފައި ނުވާކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހުށަހެޅުން ގިނަވެގެންދާ ކަމަށެވެ. އަދި ފުލުހުންނަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކުގެތެރޭގައި ބޮޑެތި މީހުން ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެގެން ހުށަހަޅާ މައްސަލަތައް ހިމެނޭކަމަށްވެސް ސައުދިއްޔާ އަޙްމަދު (2015) ވިދާޅުވެފައިވެއެވެ. މީގެއިތުރުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ވިމެންސް އެފެއަރޒް (2003) އާއި ޙަވާލާދީ ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް (2012) އިން ހާމަކުރައްވާގޮތުގައި 1999 އިންފެށިގެން 2003 ގެ ނޮވެމްބަރާއި ހަމައަށް ، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 192 މައްސަލަ ކުޑަކުދިންގެ ޙައްޤުތަކާއިބެހެ ޔުނިޓަށް ހުށަހަޅާފައިވާކަމަށެވެ. މީގެ އިތުރުން ހަމަ މިމުއްދަތުގެތެރޭގެއި ޖިސްމާނީ ގޮތުން ކުޑަކުދިންނަށް ބޮޑެތި ގެއްލުން ދީގެން 88 މައްސަލަ ހުށައެޅިފައިވެއެވެ. މިއީ ހިތާމަހުރި ކަމެކެވެ.
އެހެންކަމުން މިއަދު މިވަނީ ކުޑަކުދިންގެ ޙައްގުތަށް ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ. މިގޮތުން ކުޑަކުދިންވެސް ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިސާލަކަށް: ކުއްޖަކު ގެއިން ބޭރަށް ގޮސްފިނަމަ ނުވަތަ ގެއިންބޭރަށް ދާނަމަ އެދިޔައީ ކޮންތަނަކަށްތޯއާއި، ރައްޓެހިކުދިންނަކީ ކޮބައިތޯ މައިންބަފައިންނަށް ކިޔައިދީފައި ބާއްވަންވާނެއެވެ. އަދި ''ރައްޓެހި ކުދިންގެ ގެޔާއި އެކުދިންނާއިއެކު އުޅެނީ ކޮންބައެއްތޯ، މައިންބަފައިންގާތު ބުނެފައި ބޭއްވުމަކީ މުހިންމުކަމަކަށްވާއިރު، ކުއްޖާއަށް ގެއްލުންނުވާ ބާވަތުގެ މަޢުލޫމާތު ހޯދާ ލިބިގަތުމަކީ ކޮންމެކުއްޖެއްގެވެސް ޙައްޤެއްކަމަށް'' ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް (2012) އާއި ހަވާލާދީ ހުސައިން ނިޔާޒު (2013) ''ހެޔޮބަސް'' އަށް ލިޔުއްވާފައިވެއެވެ. މީގެއިތުރުން ކަންކަމާމެދު ވިސްނައި ޚިޔާލުފާޅުކުރެވޭ ޢުމުރުގެ ކޮންމެކުއްޖަކާ ބެހޭގޮތުން ކަންތައްތައް ނިންމާއިރު، އެކުއްޖަކު ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު ދޭން ވާނެއެވެ. އަދި އެކަމެއް ނިންމުމުގައި އެކުއްޖާގެ ޢުމުރާއި، ވިސްނުން ހުރިމިންވަރަށް ބަލައި، އޭނާ ފާޅުކުރާ ޚިޔާލުތަކަށް އަހަންމިއްޔަތު ދިނުމަކީވެސް ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެވެ.
މީގެއިތުރުންވެސް އެޅިދާނެ ފިޔަވަޅުތަކުގެތެރޭގައި ކުއްޖަކު ޙައްޤުތަކުން މަހުރޫމްކޮށް އަނިޔާއެއް ލިބެމުންދާކަން އެނގިއްޖެނަމަ ނުވަތަ އެފަދަކަމަކަށް ޝައްކުކުރެވޭނަމަ، ނުވަތަ ކުޑަކުއްޖަކަށް ނުރައްކަލެއް އެބައޮތް ކަމަށް އެނގިއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކު ކުރެވޭ ނަމަ ލަސްނުކޮށް ފުލުހުންނަށް ނުވަތަ ކަމާ ބެހޭ ފަރާތަށް އެނގުމަކީ ކޮންމެ މީހެއްގެ ވެސް އިޖުތިމާޢީ ޒިންމާއެއް ކަމަށް ޤަބޫލުކުރާށެވެ! މައްސަލަ ހުށަހަޅާ ފަރާތުގެ ނަން ވަންހަނާކުރަން ބޭނުންވާ މީހުންނަށް ނަން ނޭނގޭ ގޮތަށް ވެސް މައްސަލަ ހުށަހެޅިދާނެ އެވެ. ފުލުހުންނާ ގުޅޭނެ ހެލްޕްލައިނަކީ ނުވަތަ ރިޕޯޓުކުރާނެ ނަންބަރަކީ 3000600 އެވެ. ނުވަތަ (ޗައިލްޑް ހެލްޕްލައިން) 1412 އެވެ. ގުޅާ ފަރާތެއްގެ ނުވަތަ އެ މައްސަލައެއް ރިޕޯޓްކުރި ފަރާތެއްގެ ނަން، ފުލުހުން ވަންހަނާ ކޮށްދޭނެއެވެ.
އަޅުގަނޑުމެންގެ މިއަދު ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު އެކުދިން ޙައްޤުތަކުން މަހުރޫމްކޮށް އެކަހެރިކޮށް ބާކީ ކުރަމުންދާ މައްސަލަތައް މިއަދު މިވަނީ މިދިވެހި މުޖުތަމައުގައިވެސް ޢާއްމުވެފައެވެ. ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރަމުންދާއިރު، ބައެއް ބެލެނިވެރިންނާއި މައިން ބަފައިން އެކުދިން ޙައްޤުތަކުން މަޙުރޫމްކޮށް ބާކީކޮށްލާ މަގުމަތިކުރުވާ މަންޒަރު މިއަދުގެ މި މުޖުތަމައުން ފެންނަމުންދާކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. އަދި މިކަމުގެ ސަބަބުން ކުޑަކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް އަނިޔާތަކެއް ދަނީ ލިބެމުންނެވެ. އެހެންކަމުން އަޅުގަނޑުމެން ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަ ދައްކަމުންދާއިރު އެ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރަން ޖެހެއެވެ. އަދި އެ ހައްޤުތަކަކީ ކޮބައކަންވެސް އެނގެން ޖެހެެއެވެ. އެހެންނަމަވެސް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން މިކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަާއި ޖެންޑަރ މިނިސްޓްރީ އާއި ދިވެހި ފުލުހުން ގުޅިގެން އަޅުގަނޑުމެންގެ ޅަ ދަރިންގެ ޙައްޤުތައް ރައްކާތެރިކޮށް ޢާންމުން ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައިވެސް ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މިފަދަ ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އެކުދިން ހިމާޔަތްކުރުމެވެ. އެކުދިންނަކީ މާދަމާގެ މުސްތަޤްބަލަށް ވީތީއެވެ.
ނޯޓް: މި ލިޔުމަކީ އަޙްމަދު ނާފިއު 2020 ވަނަ އަހަރު ސުރުހީ އޮންލައިން އަށް ލިޔެދެއްވާފައިވާ ލިޔުމެއް. | މި ލިޔުމަކީ ސުރުހީ އޮންލައިންގެ އަރުޝީފުން ނަގާފައިވާ ލިޔުމެއް.