22 ނޮވެމްބަރު 2024

Advertisement

އަނބިމީހާ ގާތުން ކިރުބޮވުމުން، ކައިވެއްޏައް އަސަރު ކުރޭތަ؟

21 ޑިސެމްބަރު 2023

ސުވާލު: ބައެއްފަހަރު ފިރިމީހާ އޭނާގެ އަނބިމީހާއާއި ޖިންސީގުޅުން ހިންގާއިރު، އަނބިމީހާގެ އުރަމަތީގައި (ކިރު ހުއްޓާ) އަނގަ ޖަހައި ހަދާއިރު، ކިރު ބޮވޭ ގޮތްވެއެއެވެ. މި ފަދަ ޙާލަތެއްގައި، ފިރިމީހާގެ މައްޗަށް އަނބިމީހާ ''ކިރުގެ ގޮތުން'' ޙަރާމް މީހަކަށް ވާނެހެއްޔެވެ؟

ޖަވާބު ދެއްވާފައިވަނީ: އައްޝައިޚް ފައިޞަލް މައުލަވީ އަދި އައްޝައިޚް ޔޫސުފުލް ޤަރަޟާވީ

ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ފިރިމީހާއާއި އަނބިމީހާ އަރާމު ލިބިގަތުމުގެ ތެރޭގައި، އަނބިމީހާގެ އުރަމަތިން ބޮވޭ ކިރުގެ ސަބަބުން، އެ އަނބި މީހާއަކީ ކިރު ބުއިމުގެ ސަބަބުން ކައިވެނި ޙަރާމް ''މަޙްރަމް'' އަކަށް ނުވާނެއެވެ. އެއީ ކައިވެނި ޙަރާމް ވަނީ ކުޑައިރު ބޯ ކިރުގެ ސަބަބުންނެވެ.

Advertisement

މީގެ މާނައަކީ ކުއްޖެއްގެ ޢުމުރުން ދެ އަހަރު ވުމުގެ ކުރިންނެވެ. ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ 2 އަހަރު ކަމުގައި ވިޔަސް އިމާމް އަބޫ ޙަނީފާ ވިދާޅުވެފައިވަނީ 2 އަހަރާއި ބައި ކަމުގައެވެ.

ކިރު ދެނީ ދެ އަހަރު ވަންދެންކަން، ޙަދީޘުންނާއި ކީރިތި ޤުރުއާނުން ބަޤަރާ ސޫރަތުގެ 233 ވަނަ އާޔަތުގައި ނިކަން ޞަރީޙަކޮށް އެގެން އެބައޮތެވެ.

ކިރުގެ ގޮތުން މަންމައަކަށް، ދައްތައަކަށް ވުން، ހަމައެކަނި ކުޑައިރު ބޯ ކިރާއި ގުޅިފައިވުމުގެ ޙިކުމަތަކީ، ކުއްޖާގެ މަހާއި ކަށިއުފެދި ބޮޑުވާ މުހިންމު މަރުޙަލާއަކީ ޢުމުރުން ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކަމަށްވާކަމެވެ. ދެއަހަރުގެ ފަހުން ބޯ ކިރުގެ އެއްވެސް އަސަރެއް، ކިރުގެ ގޮތުން ޙަރާމް ވުމަކަށް ނުކުރާނެކަމަށް ކުރިންވެސް ބުނެވުނު ފަދައިން ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ.

ޞަހާބީންގެ ދުވަސްވަރުގައި، ޞަޙާބީއަކު އޭނާގެ އަނބިމީހާއާއި ކުޅެ އަރާމު ލިބިގަތުމުގެ ތެރޭގައި، އުރަމަތިން ކިރު ބޮވުމުން، އޭނާ އައިސް އަބޫ މޫސަލް ޢަޝްޢަރީ އަރިއަހުގައި ސުވާލު ދެންނެވުމުން އަންހެނުން ޙަރާމްވާނެ ކަމަށް ވިދާޅުވިއެވެ. ދެން އޭނާ ޢަބްދުﷲ ބިން މަސްޢޫދު އަރިއަހުގައި ސުވާލު ދެންނެވުމުން، ޙަރާމް ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކިރު ދިނުންވަނީ ދެ އަހަރުގައި ކަމަށް އޮންނަ ޙަދީޘު ވިދާޅުވިއެވެ:

الرَّضَاعُ فِي الحَولَيْن މާނައަކީ: "ކިރުދިނުންވަނީ ދެ އަހަރުގައެވެ."  

އަދި މި އާޔަތް ވިދާޅުވިއެވެ. 

وَالْوٰلِدٰتُ يُرْضِعْنَ أَوْلٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَنْ يُتِمَّ الرَّضَاعَةَ ۚ وَعَلَى الْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وٰلِدَةٌۢ بِوَلَدِهَا وَلَا مَوْلُودٌ لَّهُۥ بِوَلَدِهِۦ ۚ وَعَلَى الْوَارِثِ مِثْلُ ذٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَنْ تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَنْ تَسْتَرْضِعُوٓا أَوْلٰدَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُمْ مَّآ ءَاتَيْتُمْ بِالْمَعْرُوفِ ۗ وَاتَّقُوا اللَّهَ وَاعْلَمُوٓا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ (އަލް-ބަޤަރާ 233)

މާނަ: މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ މުއްދަތަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް ޤަޞްދު ކޮށްފި މީހަކަށެވެ. އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، ތަކުލީފެއް ނުޖައްސަވަތެވެ. މައިމީހާއަށް، އެކަނބުލޭގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، ބަފަޔަކަށްވެސް، އޭނާގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، (ކުއްޖާގެ ބަފާގެ މައްޗަށް ލާޒިމް ވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން ލާޒިމް ވެގެންވެތެވެ. ފަހެ، އެ ދެމީހުންގެ ރުހުމާއި، މަޝްވަރާއާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން ޤަޞްދު ކޮށްފިނަމަ، (އެކަމުގައި) އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް ޤަޞްދު ކޮށްފިނަމަ، ހެޔޮގޮތުގައި އެކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެކަނބަލުންނަށް ދެނީނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި، ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!

މި އާޔަތް ކިޔަވައި ވިދާޅުވެ ދެން އޭގެ ފަހުން އަބޫ މޫސަލް ޢަޝްޢަރީ އަރިއަހުގައި އަނެއްކާ ސުވާލު ދެންނެވެވުމުން، ވިދާޅުވީ ތި ޚަބަރު ކަލޭމެން އަތުގައި އޮއްވައި ތިމަންނައާއި ސުވާލު ނުކުރުމަށެވެ.

ވީމާ، އަނބިމީހާގެ އުރަމަތީގައި އަނގަޖެހުން އަދި އެއިން ކިރު ބުއިމަކީ، ދެމަފިރިންނަށް ލިބިގަތުން ހުއްދަ އަރާމު ތަކުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ.

ދެމަފިރިންގެ ދެމެދުގައި އޮންނަ، އަރާމު ލިބިގަތުމުގެ ގުޅުންތަކުގެ ތެރެއިން، ޙަރާމް ކަމުގައި ޢިލްމުވެރިން އިއްތިފާޤު ވެވަޑައިގެންފައި އޮންނަނީ ދެ ކަމެކެވެ. އެއީ:

1- ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން.

2- އަންހެންމީހާގެ ފުރަގަސްފަރާތުގައި ޖިމާޢުވުން.

މި ދެކަންތައް ފިޔަވައި، ދެމަފިރިން އަރާމު ލިބިގަންނަން ދެމީހުންގެ ރުހުމުގައި ކުރާ ޞިއްޙީ ގެއްލުމެއް ނެތް ކަންކަމަކީ ހުއްދަ ކަމެކެވެ. އެގޮތުން އަނބިމީހާގެ އުރަމަތިން ކިރުބުއިމަކުން އޮތް މައްސަލައެއް ނެތެވެ. އަދި ބުއިމުން ކައިވެނި ޙަރާމެއްވެސް ނުވާނެއެވެ.

Advertisement

ކޮމެންޓް