އައްޑޫ ސިޓީން މަސް ހިފަން މޫދަށް ފޭބި ޒުވާނާ އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ކުރިއަށް
އައްޑޫ ސިޓީ މަރަދޫ އިން މަސް ހިފަން މޫދަށް ފައިބަގެން އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަނީ އައްޑޫ ސިޓީ ސ. މަރަދޫ، ކުރެދުމާގޭ އުމުރުން 18 އަހަރުގެ މުހައްމަދު ނާއިޝް އެވެ.
ފުލުހުން ވިދާޅުވީ، އޭނާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 22:45 ކަންހާއިރު ކަމަށާއި އެ ޒުވާނާ ހޯދުމަށް ހާދިސާ ހިނގި ކަމަށް މައުލޫމާތު ލިބުނު ސަރަހައްދުގައި އެމްއެންޑީއެފް އާއި ފުލުހުންނާއި، އާންމު ގިނަ އުޅަނދުތަކުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އަދި އޭނާ ފެނިފައި ނުވާ ކަމަށާއި އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނާއިޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް މައުލޫމާތުދެ އެވެ. އަދި މަސް ހިފަން ނާއިޝް އާއި އެކު އިތުރު ދެ މީހަކު މޫދަށް ފޭބި ކަމަށް މައުލޫމާތުދެ އެވެ.
ނާއިޝް އާއި ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމް.އެން.ޑީ.އެފުން އެދެއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން ހިއްސާކުރުމަށްވަނީ އެދިފައެވެ.