ދަތިކަމާއެކު ފަސޭހަކަން ވެއެވެ
އޭ އިންސާނާއެވެ. ފެން ބޮވައިގަތުމަށް ފަހު ކަރުހިއްކުން ފިލައެވެ. ބަނޑުހައިވުމަށް ފަހު ހައިކަން ފިލައެވެ. ހޭލާ ހުރުމަށްފަހު ނިދެއެވެ. ބަލިކަމަށް ފަހު ޝިފާލިބެއެވެ. ދުރުގައިވާ މީހާ އަންނާނެއެވެ. މަގު ގެއްލިފައިވާ މީހާއަށް މަގު ފެންނާނެއެވެ. އަނދިރިކަމަށް ފަހު އަލިވިލޭނެއެވެ. އަސީރު މިނިވަންވާނެއެވެ.
فَعَسَى اللَّهُ أَنْ يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِنْ عِنْدِهِ
މާނަ: ''ފަހަރެއްގައި މާތް ﷲ ގެ ޙަޟްރަތުން ފަތަޙައެއް ދެއްވައި، ނަސީބެއް ލައްވައިފާނެއެވެ.'' (އަލްމާއިދާ:52)
އަލި ދުވާލެއް އުދަރެހުން އެބަ ފެންނަކަމުގެ އުފާވެރި ޚަބަރު ރޭގަނޑަށް ދޭށެވެ. މަތިން ހުޅުވިފައިވާ ދޮރުތައް އަދި ބަންދު ނުވާ ކަމުގެ އުފާވެރި ޚަބަރު ހަތަރު އުދަރެސް ފެނު ޖެހިފައިވާ މީހާއަށް ދޭށެވެ. ހާލުގައި ޖެހިފައިވާ މީހާ ސަލާމަތްކޮށްދެއްވާނެ ފަރާތެއް ވާކަން އޭނާ ގާތު ބުނާށެވެ. ދުނިޔޭގެ އެންމެންގެ މަތިން އުންމީދު ކަނޑާލިއަސް، ދުވަހަކުވެސް އުންމީދު ކަނޑައިގެން ނުވާނެ ރަޙްމާންވަންތަ ރަޙީމް ވަންތަ ކަލަކު ވޮޑިގެންވާކަން، މާޔޫސްވެފައިވާ މީހާ ގާތު ބުނާށެވެ.
ޞަޙަރާއަށް ބަލާލާއިރު ސަރާސަރު ދިރުމެއް ނެތް ބިމެއް ފެނުނަސް އަދި އޭގެ ފަހަތުގައި ފެހި ބަގީޗާތަކެއް ވާނެ ކަން ޔަޤީން ކުރާށެވެ. އެތަނުން އަވާމެންދުރު ފެނުނަސް މިތަނުގައި ފެން އާރު އާރު އެބަހުރިކަން ހަނދާން ނުނައްތާށެވެ.
ވާން ވަމުން އަންނަ ވަލެއް ފެނިއްޖެނަމަ، އެ ވާ ކޮންމެވެސް އިރަކުން ކަނޑައިގެން ދާނެ ކަމާމެދު ޝައްކު ނުކުރާށެވެ. އެ ބުރިވާނެއެވެ. އެއީ ހަމަ މުޖައްރިބު ކަމެކެވެ.
ކަރުނައިގެ އިދިކޮޅަކީ ހިނިތުންވުމެވެ. ބިރުވެރިކަމުގެ އިދިކޮޅަކީ އަމާންކަމެވެ. ނުތަނަވަސް ކަމުގެ އިދިކޮޅަކީ ހިތްހަމަޖެހުމެވެ. މީގެ ތެރެއިން ފުރަތަމަ ކަންތައް ލައިގަތަސް، އެ ހިސާބުން އަދި ޤިޔާމަތެއް ނުވާނެއެވެ. ވީއިރު ހާސްވެގެން ތި އުޅެނީ ކޮންކަމަކާހެއްޔެވެ؟ ފަހު ކަންތައް ފަހުން ފެންނާނެއެވެ.
އިބްރާހީމްގެފާނު އަލިފާނަށް ލެވުނީމާވެސް ނޭނދީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެއީ އެކަލޭގެފާނާ އަދި އަހަރެމެންނާ އަދި ހުރިހާ މަޚްލޫޤެއްގެ ވެރިރަސްކަލާނގެ އޯގާވަންތަކަމުގެ ދޮރު، އެވަގުތު ހުޅުވާލެވުނީމައެވެ.
ކަލީމުއް ރަޙްމާން މޫސާގެފާނު، ޣަރަޤުން ސަލާމަތްވެވަޑައިގަތީ ކިހިނެއްހެއްޔެވެ؟ އެއީ އެކަލޭގެފާނުގެ އީމާންކަމުގެ ތެދު އަޑުފުޅުން މިހެން ވިދާޅުވީމައެވެ:
كَلاَّ إِنَّ مَعِي رَبِّي سَيَهْدِينِ
މާނަ: ''ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. އެ މީހުންނަކަށް އަހަރެމެން އަތުލައެއް ނުގަނެވޭނެއެވެ. އަހަރެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ އަހަރެންނާއެކު ނަޞްރު ދެއްވުމަށް ވޮޑިގެންވެއެވެ. އެ ކަލާނގެ އަހަރެންނަށް ސަލާމަތްވާނެ މަގު ދައްކަވާނެއެވެ.'' (އައްޝުޢަރާއު: 62)
ހޮހޮޅައިގައި ހުންނެވި އައްޞާދިޤުލް އަމީން، އެކަލޭގެފާނުގެ އެކުވެރިއާއަށް ޙަދީޘްކުރެއްވީ ކީކޭހެއްޔެވެ؟ ޙަދީޘްކުރެއްވީ ތިއްބެވީ ދެމީހުން އެކަނި ނޫންކަމުގައެވެ. ބައްލަވާވޮޑިގަންނަވާ އައްސަވާ ވޮޑިގަންނަވާ ތިންވަނަ ފަރާތެއް އެކުގައި ވާކަމަށެވެ. ފަހެ އެއަށްފަހު ހަމަޖެހުމާއި ސަލާމަތްކަން ލިބިވަޑައިގަނެ، އަދި ބަޔާންކަން ބޮޑު ނަޞްރެއް ހޯއްދެވިއެވެ.
ހަމައެކަނި އުޅޭ ވަގުތުގެ އަޅުންނަކީ، ބަނަ ޙާލަތުގެ އަސީރުންނަކީ، އަބަދުވެސް ދަތިވެގެން ހާސްވެގެން އުޅޭ، ނަސީބުގައި އުޖާލާ ކަމެއް ނެތް ބައެކެވެ. އެ މީހުންގެ ނަޒަރު ދާނީ ކޮޓަރީގެ ފާރާ ހަމައަށެވެ. ނުވަތަ ގޭ ދޮރާއްޓާ ހަމައަށެވެ.
އަޅެ ނިކަން މުސްތަޤްބަލަށް ނޭވާލާބަލާށެވެ. ހުރަސްތަކުގެ ފަހަތް ބަލާބަލާށެވެ. ފާރުތަކުގެ ފަހަތުގައި ވާ އެއްޗެއްސާ މެދު ފިކުރުކޮށްބަލާށެވެ. ކޮޓަރީގެ ކުޑަދޮރުން ފެންނަން އޮތް ތަނަވަސް ދުނިޔެ ހާދަހާވާ ރީއްޗެވެ.
يَسْأَلُهُ مَنْ فِي السَّمَوَاتِ وَالأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ
މާނަ: ''އުޑުތަކާ ބިމުގައި ވާހާ އެއްޗަކާއި ބަޔަކު އެކަލާނގެ ކިބައަށް އެދި ދުޢާކޮށް ދަންނަވައެވެ. ކޮންމެ ވަގުތެއްގައި އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ.'' (އައްރަޙްމާން: 29)
إِنَّ مَعَ الْعُسْرِ يُسْراً
މާނަ: ''ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.'' (އައްޝަރްޙު:6)
ގޮތް ހުސްވެގެން، ކަންބޮޑުވެގެން ނޫޅޭށެވެ. އެހެނީ ޙާލަތު ދެމިއޮތުމަކީ މުސްތަޙީލު ކަމެކެވެ. އެންމެ މަތިވެރި އަޅުކަމަކީ ފަރަޖެއް ލިބިދާނެކަމުގައި ކުރާ އިންތިޒާރެވެ. ދުވަހަކީ ބަދަލުވާ އެއްޗެކެވެ. ޒަމާނަކީ ފުރޮޅޭ އެއްޗެކެވެ. ޣައިބަކީ ފޮރުވިފައިވާ އެއްޗެކެވެ. ޙިކްމަތްވަންތަ ކަލާންގެ ކޮންމެ ވަގުތެއްގައިމެ ވޮޑިގެންވަނީ ކަމެއްގައެވެ.