މެމްބަރު ޝަރީފް ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައިފިއެވެ.
ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާކަން ޝަރީފު ހާމަކުރެއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ކުރެއްވި މެސެޖެއްގައެވެ.
ޝަރީފު ވިދާޅުވީ ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން މިހާރު ނެތް ކަމަށާއި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވެސް ވާދަނުކުރައްވާނެ ކަމަށެވެ.
ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުމަށް ޝަރީފު ނިންމެވި ސަބަބެއް އެނގިފައެއް ނުވެ އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ޝަރީފު ވާދަ ނުކުރައްވާނެ ކަމަށްވެސް ވަނީ ނިންމަވާފައެވެ.
ޝަރީފަކީ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގިނަ އަހަރުތަކެއްވަންދެން ކުރައްވާފައިވާ ބޭފުޅެކެވެ.