މިއަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް އިނގިރޭސިވިލާތުގެ ރައްޔިތެއް
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފިއެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ.
އައު އަހަރުގެ ފުރަތަމަ ފަތުރުވެރިއަކީ އިނގިރޭސިވިލާތުގެ ފިރިހެނެއްކަމަށްވާ ބެންޖަމިން ޑަންކަން މޯއެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އިބްރާޙީމް ފައިސަލް އާއި މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
އަދި މީގެ އިތުރުން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ދޭ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.
ރާއްޖެއިން މިދިޔަ އަހަރު އަމާޒު ހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި އަމާޒު ވަނީ އެ އަހަރުގެ ޑިސެމްބަރުމަހުގެ 20ވަނަ ދުވަހު ހާސިލްކޮށްފައެވެ.
ސަރުކާރުން މި އަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި މި އަހަރުތެރޭ ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ރާވާފައެވެ.
އެގޮތުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް މީގެކުރިން ވިދާޅުވެފައިވަނީ މިއަހަރުގެ އަމާޒު ހާސިލްކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިހާރު ހުރި މާކެޓުތައް އިތުރަށް ފުޅާކުރުމަށާއި އިތުރު މާކެޓުތައް ހޯދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.