މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި
މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލު (ނަންބަރު 9/2023) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު (2 ޖަނަވަރީ 2024) ގައި ތަޞްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ، މި އަހަރުގެ ޑިސެންބަރު 18 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނަކީ މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާއި، މަސައްކަތްތެރިންގެ ޞިއްޙީ ރައްކާތެރިކަމާއި، މަސައްކަތުގެ މާޙައުލުގައި ޙަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާގުޅޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ ދަށުން، މަސައްކަތުގެ މާހައުލުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ރައްކާތެރިނޫންނަމަ، ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރުމަށާއި، މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާތަކަށް ބަދަލު ހޯދުމުގެ ފުރުޞަތު ފަހިކޮށްދެއެވެ.
މި ޤާނޫނުގެ ބައެއް މަޤްޞަދުތަކުގެ ތެރޭގައި މަސައްކަތުގެ މާޙައުލަކީ ޞިއްޙީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކޮށްފައިވާ ތަނަކަށްހެދުން ހިމެނެއެވެ. މީގެ އިތުރުންވެސް މި ޤާނޫނުގައި މަސައްކަތުގެ މާޙައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، އަދި މަސައްކަތްތެރިންނާއި މަސައްކަތްކުރުވާ ފަރާތްތަކަކީ ޒިންމާދާރު، މަސްއޫލުވެރި ފަރާތްތަކަކަށް ހެދުމަށްޓަކައި މުހިންމު ގިނަ ކަންކަން ބަޔާންކޮށްފައިވެއެވެ.
މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި މިންގަނޑުތަކާއި އުޞޫލުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.