ޝަރްޢީ ބައްޕައެއް ނުވާ ދަރިންގެ ޙުކުމް
ދުނިޔެމަތީގައި ކިތަންމެ ރަނގަޅަށް އުޅުނަސް، ޝަރްޢީ ބައްޕައެއްނުވާ ދަރީން ސުވަރުގެ ނުވަންނާނޭ ކަމުގައި ބައެއްމީހުން ބުނެއުޅެއެވެ. ހަމައެހެންމެ އެއިން ކުއްޖަކާ ކައިވެނި ކުރުން ޞައްޙަނުވާނެ ކަމުގައިވެސް ބުނެއުޅެއެވެ. އަދި ޤިޔާމަތްދުވަހު އެކުދިން ތިބޭނީ ސުވަރުގެއާއި ނަރަކައާއި ދެމެދުގައިވާ ފަރުބަދައެއްގެ މަތީގައޭވެސް ބުނާތީ އަޑުއިވެއެވެ. މިއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯއެވެ.
އެންމެފުރަތަމަ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އިސްލާމްދީނުގައި އައިސްފައިވާ އެއްވެސްކަމެއް އެދީނުގެ އަޞްލަކާ ފުށުނާރާނެކަމެވެ. މިމައިގަނޑު އަޞްލަށް ބަލާއިރު، އެނގިގެން ދަނީ އެއްވެސްމީހަކު އެހެންމީހަކު ކުރިކުށެއްގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމެވެ. ކޮންމެ މީހަކަށްވެސް ޖަޒާ ލިބޭނީ އެމީހަކު ކުޅަޢަމަލަކަށެވެ. މިއުސޫލު ކަނޑައަޅުއްވަމުން ﷲ ވަޙީކުރައްވާފައިވެއެވެ.
[وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ] -سورة الإسراء ﴿١٥﴾
މާނައީ: "އެއްވެސް މީހަކު އެހެންމީހެއްގެ ފާފައިގެ ޒިންމާ އުފުލަން ނުޖެހޭނެއެވެ."
މިމައްސަލާގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. "ނަހަލާލު ދަރިއަކުވެސް، އީމާންވެ ޞާލިޙު ޢަމަލުކޮށްފިނަމަ ވަންނާނީ ސުވަރުގެއަށެވެ. މިއާޚިލާފަށް އުޅެފިނަމަ، އޭނާއަށްވެސް އެހެން މީހުންނެކޭ އެއްފަދައިން އޭނާ ކުރާކަންތައްތަކުގެ ޖަޒާލިބޭނެއެވެ. ﷲ ޖަޒާ ދެއްވަނީ އަޅުތަކުންގެ ޢަމަލަށެވެ. އެބައިމީހުންގެ ނަސަބަކުންނޫނެވެ. ﷲގެ ޙަޟްރަތުގައި އެންމެ މާތްމީހަކީ އެބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ."
ޝަރްޢީ ބައްޕައެއްނެތް ދަރިން ވަންނާނީ ނަރަކައަށޭ ބުނާ ބައެއްމީހުން އަންނަނިވި ޙަދީޘް އެކަމުގެ ދަލީލެއް ކަމުގައި ދެކެއެވެ. އެއީ، كَعْبُ بْنَ عُجْرَةَ ގެއަރިހުން ވާރިދުވެފައިވާ ރިވާޔަތެކެވެ. އެރިވާޔަތުގައި އައިސްފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލައްމަ ޙަދީޘްކުރެއްވިއެވެ.
"يَا كَعْبُ بْنَ عُجْرَةَ ، إِنَّهُ لا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ، النَّارُ أَوْلَى بِهِ"
(رواه التر مزي وأحمد والدارمي واللفظ لأحمد)
މާނައީ: "އޭ ކަޢުބު ބުނު ޢުޖުރާއެވެ! ޙަރާމް އެއްޗަކުން ޖަހާފައިވާ މަހެއް ސުވަރުގެއަށް ނުވަންނާނެއެވެ. އޭނާ ދިޔުން އެންމެ އައުލާވެގެންވަނީ ނަރަކައަށެވެ." މިބައިމީހުން ބުނާގޮތުގައި، ނަހަލާލު ދަރިއެއްނަމަ އޭނާގެ ގައިގައި ހުންނާނީ ޙަރާމް މަހެވެ. ނަމަވެސް މިޙަދީޘްގެ މާނައަކީ، ޙަރާމް އެއްޗިހިކައިގެން މަސްޖަހާފައިވާ ކޮންމެ މީހަކު ދިއުން އެންމެ އައުލާވެގެންވަނީ ނަރަކައަށެވެ.
ހަމައެހެންމެ ބައެއްމީހުން ދެކޭގޮތުގައި މިފަދަ ކުދިން ސުވަރުގެއަކަށްވެސް އަދި ނަރަކައަކަށްވެސް ނުވަންނާނެއެވެ. އެކުދިން ތިބޭނީ ސުވަރުގެއާއި ނަރަކައާއި ދެމެދުގައިވާ الأعْرَافُ ގައެވެ. الأعْرَافُ ގެ އަހްލުވެރިންނަކީ އެބައެއްގެ ހެޔޮކަންތަކާއި ނުބައިކަންތައް އެއްވަރުވެފައިވާ މީހުންނެވެ. އެބައިމީހުންނަށް ސުވަރުގެ ނުވަދެވި ސުވަރުގެއާއި ނަރަކައާއި ދެމެދުގައި الأعْرَافُ ނަމަކަށްކިޔޭ ތަނެއްގައި ދުވަސްތަކެއް ވަންދެން ތިބޭނެއެވެ. އޭގެފަހުގައި ސުވަރުގެ ވަނުމަށް މިބައިމީހުންނަށްވެސް ﷲ އަންގަވާނެތެވެ. الأعْرَافُ ސޫރަތުގެ 49-46 މިއާޔަތުން މިކަން އެނގެއެވެ.
ލިޔުއްވީ: ޑރ. ޢަބްދުލް މަޖީދު ޢަބްދުލްބާރީ
މަސްދަރު: اسلام نور