މަޖިލިސް އިންތިޚާބު: ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރަން ފަށައިފި
އަންނަ މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޅާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރަން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރަން ފަށާފައި ވަނީ މިއަދު މެންދުރު 2:30 ގައެވެ. ހަވީރު 6:00އާ ހަމައަށް ނަން ތަރުތީބު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އިލެކްޝަންސުން ވިދާޅުވެއެވެ.
މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި 381 މީހަކު ވަނީ ފޯމު ހުށަހަޅައިފައެވެ. ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް މިއަދުގެ މެންދުރު 2:00އާ ހަމައަށް އެ ފުރުޞަތު ވެސް ހުޅުވާލިއެވެ. އެ މުއްދަތުގައި ނަން އަނބުރާ ގެންގޮސްފައިވަނީ 4 ކެންޑިޑޭޓުންނެވެ.
ނަން އަނބުރާ ނުގެންދާ ފަރާތްތަކުގެ މެދުގައި މިއަދު ގުރުއަތު ނެގުމަށްފަހު އެ ފަރާތްތަކުގެ ކެންޑިޑޭޓު ނަންބަރުތައް ތަރުތީބުކޮށް ހާމަކުރާނެއެވެ. ހުރިހާ ދާއިރާއެއްގެ ވެސް ގުރުއަތުލުން ކުރިއަށްގެންދާނީ މިއަދުގެ އެކި ވަގުތުތަކުގައި ދަރުބާރުގޭގައެވެ. ވަކިވަކި ދާއިރާތަކުގެ ގުރުއަތު ނަގާ ވަގުތު އިލެކްޝަންސް އިން ވަނީ ގެޒެޓް ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން %10.76 މީހުންނަކީ އަންހެނުންނެވެ. އަދި ޝަރުތު ހަމަނުވާތީ 9 ފަރާތެއްގެ ކެނޑިޑެސީ ބަލައިނުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމެވި ނަމަވެސް އެ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެ ގޮތުން، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އިންތިޚާބުގެ ތާރީހު ބަދަލުވާނެއެވެ. ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ރަމަޟާން މަހުގެ ދުވަހަކާ އިންތިޚާބެއް ދިމާވެއްޖެނަމަ އެ އިންތިޚާބެއް ބާއްވަން ޖެހޭނީ ރަމަޟާން މަސް ނިމި 10 ދުވަސް ފަހުންނެވެ.