ސިޓީން ޔުނައިޓެޑް ބަލިކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި މެންޗެސްޓާ ސިޓީން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
މި މޮޅާ އެކު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އޮތީ 27 މެޗުން ލިބުނު 62 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 27 މެޗު ކުޅެގެން ލިބުނު 63 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. މި މެޗުން ބަލިވި ޔުނައިޓެޑް އޮތީ 44 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 8 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑްގެ ގޯލުން ޔުނައިޓެޑް ވަނީ ލީޑު ނަގާފަ އެވެ. ރަޝްފޯޑް މި ގޯލު ކާމިޔާބު ކުރީ ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ސިޓީ އަށް ރަނުގެ ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ވަކިން ހާއްސަކޮށް ސިޓީގެ ފޯވާޑް އާލިން ހާލަންޑަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެ އެވެ.
ޔުނައިޓެޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ 56 ވަނަ މިނެޓްގައި ފިލް ފޮޑެން ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮޑެން ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލު ފޮޑެން ކާމިޔާބުކޮށްދިން އިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ހާލަންޑް ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން ތިން ޕޮއިންޓު އެޓީމަށް ކަށަވަރުކޮށްދީފަ އެވެ.
ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ އެއްވަނައިގައި އޮތް ލިވަޕޫލްއާ އެވެ.