ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑް ފައިނަލަށް
ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ޕީއެސްޖީ 1-0 އިން ބަލިކުރުމަށް ފަހު މުބާރާތުގެ ފައިނަލުން ބްރޫޝިއާ ޑޯޓްމަންޑް ޖާގަ ހޯދައިފި އެވެ.
މި ދެ ޓީމު ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ ވެސް ޑޯޓްމަންޑުންނެވެ. މިއީ ޑޯޓްމަންޑް މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ.
ޕީއެސްޖީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޑޯޓްމަންޑްގެ ކަރީމް އަޑެޔާމީ އަށެވެ. ޕީއެސްޖީގެ އޭރިއާ ތެރެއަށް ވަދެ އަޑެޔާމީ ފޮނުވާލި ހަމަލާ ދިފާއުކުރީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ އެވެ.
ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޕީއެސްޖީގެ ޒުވާން މިޑްފީލްޑަރު ވަރެން ޒައިރޭ އެމެރީ އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. ޕީއެސްޖީ އަށް މި ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ އޭގެ އިރުކޮޅެއް ފަހުން ޑޯޓްމަންޑުން މެޗުގެ ލީޑު ނެގުމެވެ. މެޗުގެ 50 ވަނަ މިނެޓްގައި ޑޯޓްމަންޑްގެ ޑިފެންޑަރު މެޓްސް ހުމެލްސް މި ގޯލު ކާމިޔާބުކޮށްދިނީ ޕީއެސްޖީ އޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މި ގޯލާ އެކު ޕީއެސްޖީން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ ޑޯޓްމަންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޕީއެސްޖީގެ ނޫނޯ މެންޑޭސް އާއި ކިލިއަން އެމްބާޕޭ އަދި ވިޓީނިއާ ފޮނުވާލި ހަމަލާތައް އަމާޒުވީ ޑޯޓްމަންޑްގެ ގޯލުގެ ހުރަސް ދަނޑި އަށެވެ. އަދި ޕީއެސްޖީގެ ފޯވާޑް ގޮންކާލޯ ރާމޯސް އަށް ވެސް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޑޯޓްމަންޑް ނިކުންނާނީ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ފައިނަލް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.