އިކުއެޑޯ މެޗުގައި މެސީ ނުފެނިދާނެ
ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އިން އިކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗަށް ކެޕްޓަން ލިއޮނެލް މެސީ ފިޓްވާނެކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފި އެވެ.
އެމެރިކާގައި ކުޅޭ މިއަހަރުގެ ކޮޕާ އެމެރިކާ ކުއާޓާ ފައިނަލުގެ މިރޭ ފަތިހު 6 ޖަހާއިރު އާޖެންޓީނާ ނުކުންނާނީ އިކުއެޑޯއާ ދެކޮޅަށެވެ.
އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ތިން މެޗު ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މެސީގެ ފަޔަށް އަނިޔާވީ ޗިލީ އަތުން އެޓީމު މޮޅުވި ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގަ އެވެ. އޭގެފަހުން ޕެރޫއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މެސީ ކުޅެފައެއްނުވެ އެވެ.
"އިތުރަށް ބަލާފަ މެސީއާ މެދު ގޮތެއް ނިންމާނީ. އެންމެ ދުވަހަކީ ވެސް ބަދަލެއް އަތުވެދާނެ މުއްދަތެއް" ސްކަލޯނީ ބުންޏެވެ.
އަނިޔާއިން އެއްކޮށް ރަނގަޅު ނުވިޔަސް މެސީ ވަނީ އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.
"އެންމެ ފުރަތަމަ ބަލާނީ މެސީ އަށް ކުޅެވޭނެ ގޮތެއް އޮތްތޯ. ނުކުޅެވޭނެ ނަމަ ޓީމަށް އެންމެ ރަނގަޅު ގޮތަކަށް ރާވާނީ. މެސީއާ ވާހަކަދައްކާފަ ގޮތެއް ނިންމާނީ" 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
އާޖެންޓީނާ ވަނީ ކޮޕާ އެމެރިކާ މުބާރާތް 15 ފަހަރު ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދީ ފައިނަލުގައި ބްރެޒިލް ބަލިކޮށްގެންނެވެ.
އިކުއެޑޯއާ ގުޅޭގޮތުން އާޖެންޓީނާގެ ކޯޗު ބުނީ، އިކުއެޑޯ އަކީ މުބާރާތް ކާމިޔާބުކުރެވިދާނެ ފެންވަރު ހުރި ޓީމެއް ކަމަށެވެ.
"ވަރަށް ރަނގަޅު ކުޅުންތެރިންނާއި ރަނގަޅު ކޯޗަކާ އެކު އިކުއެޑޯއަކީ ވަރަށް ރަނގަޅަށް ބިނާކޮށްފަ އޮތް ޓީމެއް. އެއީ ކޮޕާ އެމެރިކާގައި އޮތް އެންމެ މޮޅު އެއް ޓީމު. އެޓީމަކީ ތަށި ހޯދުމުގެ ފުރުސަތު އޮތް ޓީމެއް" އިކުއެޑޯ އަށް ތައުރީފް ކުރަމުން ސްކަލޯނީ ބުންޏެވެ.