ބެލްޖިއަމް އިން އިޒުރޭލް ބަލިކޮށްފި
ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ ގައި ރޭ އިޒްރޭލާއި ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވެއްޖެ އެވެ.
ބެލްޖިއަމްގައި ކުޅެން ތާވަލުކުރި މި މެޗު ކުޅެފައިވަނީ ހަންގޭރީގައި ސަޕޯޓަރުން ނުވައްދަ އެވެ. ބެލްޖިއަމްގެ ގިނަ ސިޓީ ތަކުން ވަނީ އިޒްރޭލާއި ދެކޮޅަށް ކުޅެން ހަމަޖެހުނު މެޗުގެ ސަލާމަތީ ސަބަބުތަކަށްޓަކައި އެ ސިޓީތަކުގައި ކުޅެން ދެކޮޅު ހަދާފައެވެ. އެއީ އިޒްރޭލުން މިހާރު ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ގުޅިގެންނެވެ.
ރޭ ކުޅުނު މި މެޗުގެ 21 ވަނަ މިނިޓުގައި ކެޕްޓަން ކެވިން ޑެބްރޫނިއާ ވަނީ ލަނޑެއް ޖަހާ ބެލްޖިއަމް އަށް ކުރި ހޯދަދީފައެވެ. ނަމަވެސް 36 ވަނަ މިނިޓުގައި ކަސްޓާނިއާ އަތުން ބައިކޮޅަށް ވަން ގޯލާއެކު މެޗުގެ ނަތީޖާ ވަނީ އެއްވަރު ވެފައެވެ.
ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ތިން ވަނަ މިނިޓުގައި ޓިއެލެމެންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ބެލްޖިއަމްއަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި ބެލްޖިއަމް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 52 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލިބުނު ޕެނަލްޓީ އަކުން ޑެބްރޫނިއާ އެވެ.
މި މުބާރާތުގައި ރޭ ސްލޮވޭނިއާ އާއި އޮސްޓްރިއާ ބައްދަލު ކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާއިރު އައިސްލޭންޑް ވަނީ 2-0 ގެ ނަތީޖާއަކުން މޮންޓެނޭގްރޯ ބަލިކޮށްފަ އެވެ.