ސިޓީ ބަލިކޮށް ލިވަޕޫލަށް ބޮޑު ލީޑެއް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި ލިވަޕޫލުން ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އާއި ތިންވަނައިގައި އޮތް ޗެލްސީއަށް 25 ޕޮއިންޓް ލިބިފައިވާއިރު މެންޗެސްޓަރ ސިޓީ އަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ފަސްވަނައިގަ އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ފަސްދޮޅަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ލިވަޕޫލްގެ ކޯޑީ ގެކްޕޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑުގެ ކުރިން ލިވަޕޫލްގެ ވެންޑައިކް ފޮނުވާލި ހަމަލައެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.މި މެޗަށް ނިކުތްއިރު ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އާންމުކޮށް ކީޕަރަކަށް ކުޅޭ އެޑަސަންގެ ބަދަލުގައި މި މެޗުގައި ކުޅެފައިވަނީ ސްޓެފަން އޯޓޭގާ އެވެ.
މި މެޗުގައި ލިވަޕޫލް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ސަލާ އެވެ.
ލިވަޕޫލް އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމާއި މި ސީޒަނުގައި އަލަށް ހަވާލުވި ސްލޮޓުގެ އިރުޝާދުގެ ދަށުން ކުޅުނު 20 މެޗުގެ ތެރެއިން 18 މެޗުން ވަނީ މޮޅުވެފަ އެވެ. އަދި ބަލިވެފައިވަނީ ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗުން އެކަނި އެވެ.
ސިޓީ އަށް މިހާރު ކުރިމަތިވެފައިވާ ކަންތައްތަކާއި ގުޅިގެން އެ ޓީމުގެ ކޯޗު ގަޑިއޯލާއަށް ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހިފައިވާއިރު, މި މެޗުގައި ލިވަޕޫލްގެ ސަޕޯޓަރުން ގަޑިއޯލާ މަގާމުން ދުރުކުރާނެ ކަމަށް ބުނެފައިވާތީ އޭނާ ވަނީ އަތުގެ އިނގިލިތަކުން 6 ދައްކާ ހަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ކަމަށް ބުނެފަ އެވެ.