ލިވަޕޫލާއި އާސެނަލް ވެސް އެއްވަރު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ލިވަޕޫލް ވެސް އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލުން މިހާރު ވަނީ 5 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ 15 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ޗެލްސީ އަށް 15 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މިރޭ ބްރެންޓްފޯޑް ބަލިކޮށްފިނަމަ ލިވަޕޫލާއި ދެ ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.
ތިން ވަނައިގައި އޮތް އާސެނަލަށް 16 މެޗުން ވަނީ 30 ޕޮއިންޓް ލިބިފަ އެވެ.
ލިވަޕޫލް އަމިއްލަ ދަނޑުގައި ރޭ އެއްވަރުވީ ފުލަމްއާ ބައްދަލުކޮށް 2-2 އިންނެވެ. މި މެޗުގެ 11 ވަނަ މިނެޓްގައި އަންދްރޭސް ޕެރޭރާގެ ގޯލުން ފުލަމް ލީޑު ނެގިއިރު، މެޗުގެ 17 ވަނަ މިނެޓްގައި ލިވަޕޫލްގެ އެންޑީ ރޮބަޓްސަން އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.
ފުލަމް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލިއިރު، ދެވަނަ ހާފްގެ ކުރީކޮޅު މުހައްމަދު ސަލާ ތަނަވަސްކޮށްދިން ފުރުސަތަކުން ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 76 ވަނަ މިނެޓްގައި ރޮޑްރިގޯ މުނީޒްގެ ގޯލުން ފުލަމް އިން އަލުން ލީޑު ނެގިއިރު، ލިވަޕޫލަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 86 ވަނަ މިނެޓްގައި ޑިއޯގޯ ޖޯޓާ އެވެ. މިއީ އަނިޔާ އިން ރަނގަޅުވެ އެނބުރި އައިސް ޖޯޓާ ކުޅުނު ފުރަތަމަ މެޗެވެ.
އާސެނަލުން ލީގުގެ ލީގުގެ 15 ވަނައިގައި އޮތް އެވަޓަންއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، މި މެޗުގައި އާސެނަލުން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި އެވަޓަންގެ ޑިފެންސްލައިނުން މޮޅު ކުޅުމެއް ވަނީ ދައްކާފަ އެވެ.