ޔުނައިޓެޑުން ސިޓީ ބަލިކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ މި ވަގުތު ފަސް ވަނައިގައި އޮތީ 16 މެޗުން 27 ޕޮއިންޓާ އެކު އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 36 ވަނަ މިނެޓްގައި ޖޮސްކޯ ގްވާޑިއޯލްގެ ގޯލުން ސިޓީން ވަނީ ލީޑު ނަގާފަ އެވެ. މެޗުގެ ބޮޑުބައި ސިޓީން ލީޑުގައި އޮތްއިރު، ހުރިހާ ކަމެއް ބަދަލުވެގެންދިޔައީ މެޗުގެ ފަހު ދެ މިނެޓް ތެރޭގަ އެވެ. އެގޮތުން މެޗުގެ 88 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ނަތީޖާ އެއްވަރުކޮށްދިން އިރު، މިއީ ޔުނައިޓެޑްގެ އަމަދު ޑިއާލޯ އަށް ސިޓީގެ މިޑްފީލްޑަރު މެތިއުސް ނުނޭސް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޑިއާލޯ އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ސިޓީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލަށް ބޯޅަ ވައްދާލައިގެންނެވެ.
މި މޮޅާ އެކު ޔުނައިޓެޑް އޮތީ، 16 މެޗުން 22 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.