ގޯތި މައްސަލާގައި ފަޒީލްގެ ފޯނު ހިފަހައްޓައިފި
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވެ، ހުޅުމާލެ ބިން ލިބުނު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ފަޒީލްގެ ފޯނު ހިފެހެއްޓީ މިއަދު ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފަޒީލް މިވަގުތު ހުރީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
ގޯތި ލިސްޓުގެ ބޭރުން ގޯތިތަކެއް ދިންކަން ފެންމަތިވެފައިވަނީ އެ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް އެޗްޑީސީން ދޫކޮށްފައި ވަނިކޮށް، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދަ އަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
މި މައްސަލަ ފެންމަތިވެފައިވަނިކޮށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.