ކޮޕް ސަމިޓް ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
އެކުވެރިވެގެން މޫސުމީ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ތުރުކީގެ އަންޓާލިޔާގައި ބޭއްވެމުންދާ އެކުވެރި ޤައުމުތަކުގެ މޫސުމީ ބަދަލުތަކާބެހޭ މުޢާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ކުރެއްވީ، ކޮޕް31 ގެ މަތީ ފަންތީގެ ޖަލްސާއާއި އަންޓާލިޔާ ލީޑަރސް ސަމިޓުގައި ބައިވެރިވުމަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދެމެހެއްޓެނިވި، ދަތިތަކަށް ކުރިމަތިލެވޭ، އަދި އިންސާފުވެރި މުސްތަޤުބަލަކަށް ދިއުން މި ޝިޢާރުގެ ދަށުން ބޭއްވުނު އަންޓާލިޔާ ލީޑަރސް ސަމިޓުގައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ޤައުމުތައް ގުޅިގެން ފިޔަވަޅުއެޅުމުގެ މުހިންމުކަމާމެދު ވާހަކަދެއްކުނެވެ.
ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މޫސުމީ ބަދަލުތަކާގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ފުއްދުމަށާއި، މާލީ ނިޒާމުގައި އިޞްލާޙީ ބަދަލުތައް ގެނައުމަށް ޤައުމުތަކަށް ގޮވާލައްވާފައެވެ.
ސިޔާސީ ފެންވަރުގައި ވާޢުދުވެފައިވާ ކަންކަން ޢަމަލީ ނަތީޖާއަށް ބަދަލުކުރުން މުހިންމުކަމަށް ރައީސް ބާރުއަޅުއްވައި، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ހާލަތްތައް އިޢުތިބާރަށް ނެގުމަށް ދަޢުވަތުދެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ، މޫސުމީ ބަދަލުތަކާބެހޭ މަތީ ފަންތީގެ ވަށްމޭޒު ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގެން، މޫސުމީ ނާޒުކުކަން ބޮޑު ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހާމަކުރައްވާފައެވެ. އަދި މިފަދަ ޤައުމުތަކަށް ބައިނަލްއަޤްވާމީ ފެންވަރުން ލިބޭ މާލީ އެހީތެރިކަމާއި، އެހެނިހެން އެހީތެރިކަން އިތުރުކުރުމުގެ ބޭނުން ފާހަގަކުރައްވިއެވެ.
އެމަނިކުފާނުގެ ބަސްފުޅުގައި ޚާއްޞަކޮށް ބާރުއެޅުއްވީ، މޫސުމީ މައްސަލަތަކަށް ޙައްލު ހޯދުމަށް ދެވޭ މާލީ އެހީތަކަކީ އައު، ދެމެހެއްޓެނިވި އަދި ލޯނުގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ދެވޭ އެހީތަކަކަށް ވުން މުހިންމުކަމަށެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅާއިރު އިޤްތިޞާދީ ނާޒުކުކަން ބޮޑު ޤައުމުތަކުގެ ހާލަތްތައް ޚާއްޞަކޮށް ބަލަންޖެހޭކަމެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ތަޤްރީރުކުރައްވާފައެވެ. އެކަނބަލުން ވަނީ ކަނޑަށް އެޅޭ ކުނި ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ފޯރުވާ ގެއްލުންތައް ފާހަގަކުރައްވައި، ކުނި އުކާލީމާ އެ ކުނިތައް ނެތިގެން ނުދާކަން ހަނދާންކޮށްދެއްވާފައެވެ.
ކޮޕް31 ގެ ހަވާސާގައި ރައީސާއި އެކަނބަލުން ވަނީ، އެކި ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި، މޫސުމީ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ މުހިންމު ފަރާތްތަކާ ބައްދަލުކޮށް، މޫސުމީ މައްސަލަތަކާއި އެކުވެރި ޤައުމުތަކުގެ މެދުގައި އެހީތެރިކަން އިތުރުކުރުމާމެދު މަޝްވަރާކުރައްވާފައެވެ.
ނޮވެމްބަރު 9 އިން 20 އަށް ތުރުކީގެ އަންޓާލިޔާގައި ބޭއްވެމުންދާ ކޮޕް31 ގެ މައިގަނޑު މަޝްވަރާތަކުގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ މާލީ އެހީތަކާއި، މޫސުމީ ބަދަލުތަކާ އެއްގޮތަށް ރަށްފުށު ސަރަޙައްދުތައް ތަރައްޤީކުރުމާމެދު ޚާއްޞަ ސަމާލުކަން ދެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރުގެ ކޮޕް28 އާއި، 2024 ވަނަ އަހަރުގެ ކޮޕް29 ގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މިފަދަ ބައިނަލްއަޤްވާމީ ޖަލްސާތަކުގައި ރާއްޖެ ބައިވެރިވުމަކީ، މޫސުމީ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު ދުނިޔެއަށް އަޑުއިއްވައި، އެ މައްސަލަތަކަށް ޢަމަލީ ޙައްލުތައް ހޯދުމުގެ މުހިންމު ފުރުޞަތެކެވެ.