14 ނޮވެމްބަރު 2026

Advertisement

އިޚްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙުކުރުމަށް ތައްޔާރީ ނިމެމުންދަނީ

13 ނޮވެމްބަރު 2026

ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޚްތިރާމް ކުރުމުގެ ރިވެތި އާދަތައް އަށަގެންނެވުމުގެ މަޤްޞަދުގައި ފަށާ ޤައުމީ މަޝްރޫޢު އިފްތިތާޙުކުރުމަށް، އެންމެފަހުގެ ތައްޔާރީތައް ކުރިއަށްދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން އަންގައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ރޭވިފައިވާ މި މަޝްރޫޢުގެ އިފްތިތާޙީ ޖަލްސާއަށް ބޭނުންވާ އިދާރީ އެންމެހާ ތައްޔާރީތައް ކުރިއަށް ގެންދެވެމުންދާއިރު، ޖަލްސާގެ ރިހާސަލްވެސް މިއަދު ވަނީ ބާއްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމެއްގެ ދަށުން ފަށަމުންދާ ޤައުމީ މަޝްރޫޢެކެވެ. މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އެކަކު އަނެކަކަށް އިޚްތިރާމް ކުރުމުގެ އާދަތަކާއި އިސްލާމީ އަދަބު އަޚްލާޤުގެ ރިވެތި އަގުތައް އާލާކޮށް، އެ ސިފަތައް އަދުގެ ޖީލުތަކުގެ ކިބައިގައި އަށަގެންނެވުމަށް މަގުފަހިކުރުމެވެ.

Advertisement

މި ޤައުމީ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ބައިވެރިވަނީ، ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އެވެ.

މަޝްރޫޢުގެ މަސައްކަތްތައް ރާވައި، މަޤްޞަދުތައް ހާސިލުކުރުމަށް ހިންގޭ ހަރަކާތްތައް އެންމެ މުނާސަބު ގޮތެއްގައި ހިންގުމުގެ އެއް ބައި ގޮތުން، ފަންނުގެ ތަޖުރިބާ ހުރި ނުވަ މެންބަރުންގެ ކޮމިޓީއެއްވެސް ވަނީ އުފައްދަވާފައެވެ.

މަޝްރޫޢުގެ ޒަރީއާއިން ދިވެހި މުޖުތަމަޢުގައި އޮތް އެކުވެރިކަމާއި، އެކަކު އަނެކަކާމެދު އޮންނަ އިޚްތިރާމާއި، ރިވެތި އަޚްލާޤީ ސިފަތައް އިތުރަށް ފުޅާކޮށް، އެ އާދަތައް މުޖުތަމަޢުގައި ދެމެހެއްޓުމަށް އިސްކަން ދެވޭނެއެވެ.

Advertisement

ކޮމެންޓް