14 ނޮވެމްބަރު 2026

Advertisement

އެއްވުންތައް ޤާނޫނީ އިމުގައި ބޭއްވުމަށް ފުލުހުންގެ އިލްތިމާސް

13 ނޮވެމްބަރު 2026

މާލޭގައި ބޭއްވުމަށް ރާވާ އެއްވުންތައް، އެއްވެސް ފަރާތަކަށް ދަތިއެއް ނުވާނޭހެން ޤާނޫނީ އިމުގެ ތެރެއިން އިންތިޒާމުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. އަދި ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އަމަލުތަކަށް ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން އަންގައިފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމާ ގުޅިގެން، އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ބެހޭގޮތުން، މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނާ މަޢުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން، ކުރިން އެންގުމަކާ ނުލައި އެއްވުން ބޭއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި، އެހެން ތަންތަނުގައި އެއްނުވުމަށާއި، އެއްވުން ޤާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް ފުލުހުންވަނީ އެންގިފައެވެ.

Advertisement

މިފަދަ އެއްވުންތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި، އެ ސަރަހައްދުތަކުގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ފުލުހުންވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، އެއްވުމުގައި ބައިވެރިވާ ފަރާތްތަކާއި އާންމު މީހުންނަށް ދަތިއެއް ނުވާނޭހެން އެއްވުންތައް އިންތިޒާމުކުރުމަށް ފުލުހުންވަނީ ނަޞޭޙަތްތެރިވެސް ވެފައެވެ.

ހަމައެއާއެކު، އެއްވުމުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި، ކަމާބެހޭ ފިޔަވަޅުތައް އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފައިވެއެވެ.

Advertisement

ކޮމެންޓް