14 ނޮވެމްބަރު 2026

Advertisement

ޒާތީ މަންފާއަށްވުރެ ޤައުމީ ބާއްޖަވެރިކަން އިސްކުރަންޖެހޭ: ރައީސް

13 ނޮވެމްބަރު 2026

ޒާތީ މަންފާތަކަށާއި ސިޔާސީ ޖަޒުބާތަކަށްވުރެ ޤައުމުގެ ބާއްޖަވެރިކަމާއި ޤައުމީ އިޚްލާޞްތެރިކަމަށް އިސްކަން ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގެ ޒަރީއާއިން ޚިއްޞާކުރެއްވި ޚާއްޞަ މެސެޖެއްގައި ރައީސް ވަނީ، ރައްޔިތުންނަށް ހުރަވީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ، ޤައުމުގެ މުސްތަޤުބަލާއި މިނިވަންކަން ދިފާޢުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ހުރަވީ ދުވަހާ ގުޅޭ ތާރީޚީ ހާދިސާތަކަށް ތިން ޤަރުނު ފުރެން ގާތްވަމުންދާ މި ވަގުތު، މިއަދުގެ ދުނިޔޭގެ ހާލަތްތަކާއި ޤައުމުގެ މިނިވަންކަން ދިފާޢުކުރަންޖެހޭ ގޮތްތަކާމެދު ފުންކޮށް ވިސްނުން ވަރަށް މުހިންމުކަމަށެވެ.

Advertisement

އަދި ތާރީޚުން ލިބޭ ފިލާވަޅުތައް ދަސްކޮށް، އެ ފިލާވަޅުތަކުން ފައިދާ ހޯދައި، ޤައުމުގެ މުސްތަޤުބަލު ރޯޝަންކޮށް އުޖާލާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އެ މެސެޖުގައި ރައީސް އިތުރަށް ފާހަގަކުރެއްވީ، ވެރިކަމަށްވާ ދަހިވެތިކަމާއި ހަސަދަވެރިކަމަށްވުރެ ޤައުމުގެ ސަލާމަތާއި ފުދުންތެރިކަމާއި، ކޮންމެ ދިވެހި ފަރުދެއްގެ އުފާވެރިކަން ހާސިލުކުރުމަށް އިސްކަން ދޭންޖެހޭކަމެވެ.

މީގެ އިތުރުން، ދަރަނީގެ ބުރަދަނުގެ ދަށުގައި އަޅުވެތިވެ ނުތިބެ، ފުދުންތެރިކަމާއި އިޤްތިޞާދީ ބާއްޖަވެރިކަމުގެ އައު ފަތިހަކަށް މަރުޙަބާ ކިޔަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ސޯޝަލް މީޑިއާގައި ޕޯސްޓެއް ޝާއިޢުކޮށް، ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ، މާލެ އަތޮޅު ހުރާއަށް އުފަންވެ ވަޑައިގެންނެވި އައްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީނުލް ހުރަވީގެ ހަނދާނުގައެވެ. ކޮންމެ އަހަރެއްގެވެސް ޖުމާދަލް އާޚިރުމަހުގެ ތިންވަނަ ދުވަހު ފާހަގަކުރާ މި ދުވަހަކީ، ޤައުމުގެ މިނިވަންކަމާއި މަތިވެރިކަން ރައްކާތެރިކުރުމަށް ކުރި ޤުރުބާނީތަކާއި ޤައުމީ ބަތަލުންގެ ޚިދުމަތްތައް ހަނދާންކޮށް، އެ ބަތަލުންގެ ޒިކުރާ އާލާކުރުމުގެ ޚާއްޞަ ދުވަހެކެވެ.

Advertisement

ކޮމެންޓް