ރަސްމާލެ އެއްވުމަކީ 2028 ގެ ކެމްޕެއިން ފެށުމެއް: ޝިޔާމް
ރަސްމާލެ މަޝްރޫޢު ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް އިދިކޮޅުގެ ސިޔާސީ ފަރާތްތަކުން ބޭއްވި އެއްވުމަކީ، ރައްޔިތުން އޮޅުވާލައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށުމުގެ ހަރަކާތެއްކަމަށް ފިޝަރީޒް މިނިސްޓަރު، އަދި ވެރިކަންކުރާ ޕީއެންސީގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ހުކުރުދުވަހުގެ ރޭ ބޭއްވުނު «ދިވެހީންގެ ބިން ދިވެހިންނަށް» އެއްވުން އިންތިޒާމުކުރީ «ޤައުމީ ޙަރަކާތް» އިންނެވެ. އެ އެއްވުމުގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާންއާއި، ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ނާއިބު ރައީސް ފައިޞަލް ނަޞީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދެ ބޭފުޅުންނަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިޢުލާނުކޮށްފައިވާ ދެ ސިޔާސީ އިސްވެރިންނެވެ.
މި އެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝިޔާމް ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވަނީ، ޤައުމީ މަޞްލަޙަތަށް ބާއްވާ ހަރަކާތެއްނަމަ އޭނާވެސް އެންމެ ކުރީގައި ހުންނަވާނެކަމަށް ބުނެފައެވެ. ނަމަވެސް، އެ އެއްވުމުގައި ފެނުނީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުން އޮޅުވާލައި، 2028 ގެ ރިޔާސީ ކެމްޕެއިން ފެށުމުގެ މަންޒަރެއްކަމަށް ޝިޔާމް ދަޢުވާކުރެއްވިއެވެ.
އެފަދަ ހަރަކާތެއް ހިންގުމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާނެ ކަމެއް ނޫންކަމަށް ފާހަގަކުރައްވާ، އެއްވުމުގައި ބައިވެރިވި ސިޔާސީ އިސްވެރިންގެ މަޤްޞަދާމެދުވެސް ޝިޔާމް ސުވާލުއުފައްދެވިއެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ފަސް އަހަރުގެ ވެރިކަމުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހަންމިއްޔަތެއް ދެއްވައި، ޤައުމީވަންތަކަން ބޮޑަށް ފާޅުކުރައްވާ ރައީސެއްކަމަށެވެ. އަދި ކުރީގެ ވެރިންނާ ޚިލާފަށް، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ދިވެހިރާއްޖޭގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ފާޅުގައި ވަކާލާތުކުރައްވާ ރައީސެއްކަމަށް ޝިޔާމް ސިފަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ދީނާއި، މިނިވަންކަމާއި، ސިޔާދަތާ ގުޅޭ ކަންކަން ކުރީގެ ބައެއް ވެރިންނަށް ސުވާލުނުކޮށް، ރައްޔިތުންގެ މަޖިލީހަށްވެސް އެންގުމެއް ނުވެ ނިންމުންތައް ނިންމަވާފައިވާކަމަށެވެ. މިއަދު އެ އިސްވެރިން ދީނާއި ޤައުމީ ސިޔާދަތުގެ ވާހަކަދައްކައިފި ނަމަވެސް، އެ ފަރާތްތަކުގެ ސިޔާސީ މަޤްޞަދުތަކާއި ނިޔަތް ރައްޔިތުންނަށް ސާފުކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެ ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ޤައުމީ މަޞްލަޙަތަށްވުރެ ޒާތީ ސިޔާސީ މަޤްޞަދުތައް ހާސިލުކުރުމަށްކަމަށްވެސް މިނިސްޓަރު ތުހުމަތުކުރެއްވިއެވެ.
ދިވެހިންގެ ދީނާއި، ސަޤާފަތާއި، ޤައުމީ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެހެން އެ ކަންކަން ދިފާޢުކޮށް، ހިމާޔަތްކޮށް ދެމެހެއްޓުމަށް މި ސަރުކާރުން ޢަޒުމުކަނޑައަޅާފައިވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، ކުރީގެ ސަރުކާރުތަކުގެ ދައުރުގައި އުފެދުނު ސިޔާދަތީ ދަރަނީގެ 1.9 ބިލިއަން އެމެރިކާ ޑޮލަރު ދައްކައި، ދަރަނީގެ ބުރަދަނުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްފައިވާކަމަށެވެ.
އަދި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށްފައިވާކަމަށާއި، އެއިން އިޤްތިޞާދީ ފުރުޞަތުތައް ފުޅާވެ، ބިލިއަން ޑޮލަރުގެ ބޮޑެތި މަޝްރޫޢުތައް ރާއްޖެއަށް ގެނައުމަށް ފުރުޞަތު ލިބެމުންދާކަމަށް ޝިޔާމް ބުނެފައެވެ.
ނަމަވެސް، މަޝްރޫޢުތައް ކިތަންމެ ބޮޑުވެ އަގު ކިތަންމެ އިތުރުވިޔަސް، ދިވެހިންގެ ދީނާއި، ސަޤާފަތާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި، ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް އިޙްތިރާމް ނުކުރާ އިންވެސްޓްމަންޓަކަށް މި ސަރުކާރުން މަރުޙަބާ ނުކިޔާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ވާދަވެރިން ބޭނުންވަނީ ރާއްޖެ އަބަދުވެސް ބޭރުގެ ފަރާތްތަކަށް ބަރޯސާވެ، ދުނިޔޭގެ ކުރިމަތީ ނާށިގަނޑު ހިފައިގެން ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ބާއްވުމަށްކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ދިވެހިންނަކީ ފުދުންތެރި، އަބުރުވެރި އަދި ތަޙްޒީބު ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމާއި، 2040 ވަނަ އަހަރު ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުމެވެ.
ރަސްމާލެ މަޝްރޫޢާމެދުވެސް ޝިޔާމް ވަނީ އިތިބާރުކަން ފާޅުކޮށްފައެވެ. އެމަނިކުފާނުގެ ބަސްފުޅުގައި، ޔޫއޭއީގެ އީގަލް ހިލްސްއިން ޝައުޤުވެރިކަން ދައްކާފައިވާ ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބިޔަ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ މަންޒަރު ބަދަލުކޮށް، ދިވެހިންގެ ދިރިއުޅުމަށް ރޯޝަންކަން ގެނުވައިދޭނެ މަޝްރޫޢެއްކަމަށް ޝިޔާމް ބުނެފައެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން އީގަލް ހިލްސްއިން ބިޔަ އިންވެސްޓްމަންޓެއް ކުރުމަށް ރޭވިފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ބިމާއި ސިޔާދަތަށް ގެއްލުން ލިބިދާނެކަމަށް އިދިކޮޅުގެ ސިޔާސީ ފަރާތްތަކުން ދަޢުވާކުރަމުންދެއެވެ. އަދި އީގަލް ހިލްސްއާއި އިސްރާއީލާ ގުޅުން އޮތްކަމަށް އެ ފަރާތްތަކުން ތުހުމަތުކޮށް، އެ މަޝްރޫޢުން އިސްރާއީލުގެ މީހުންނަށް ރާއްޖޭގައި ދިރިއުޅުމަށް ފުރުޞަތު ލިބޭނެކަމަށްވެސް ބުނެއެވެ.
ނަމަވެސް، މި ތުހުމަތުތަކަކީ ކަށަވަރުވެފައިވާ ޙަޤީޤަތްތަކެއް ނޫންކަމަށް ސަރުކާރުން ބުނެ، އިސްރާއީލުގެ މީހުންނާއި އެ ޤައުމާ ގުޅުންހުރި ކުންފުނިތަކަށް އެފަދަ މަޝްރޫޢުތަކުގައި ބިން ހޯދުމަށް މަނާކުރާ ޤާނޫނީ ބަދަލުތަކެއް ހުށަހަޅާފައިވާކަމަށް ވަނީ އަންގައިފައެވެ.
ރޭގެ އެއްވުމުގައި ވާހަކަދެއްކެވި ކުރީގެ ރައީސް ޔާމީން ވަނީ، ރާއްޖޭގެ ބިމުން ބައެއް ޤާނޫނާ ޚިލާފަށް ދޫކުރަމުންދާކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް އަޑުނުއުފުލާ އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވާ މީހުންވެސް އެ ކުށުގައި ބައިވެރިވާ މީހުންކަމަށް ބެލޭނެކަމަށް ބުނެފައެވެ.
ޔާމީން ވަނީ، އީގަލް ހިލްސްއާއި ކުރާ އެއްބަސްވުން ޤާނޫނާ ޚިލާފުކަމަށް ދަޢުވާކޮށް، ދެން އަންނަ ސަރުކާރަކުން އެ އެއްބަސްވުން ބާޠިލުކޮށް، އެއަށް އެއްވެސް ތަޢުވީޟެއް ނުދޭނެކަމަށްވެސް ވިދާޅުވެފައެވެ.
އެހެންކަމުން، ރަސްމާލެ މަޝްރޫޢުގެ ޤާނޫނީ އަދި އިޤްތިޞާދީ ފައިދާތަކާމެދު ސަރުކާރާއި އިދިކޮޅުގެ ސިޔާސީ ފަރާތްތަކުން ތަފާތު މައުޤިފުތަކެއް ދައްކަމުންދާއިރު، މި މައްސަލަ ވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގެ މުހިންމު މައުޟޫޢަކަށް ވެފައެވެ.