މެއިގެ ބިލު ބޮޑުވީ އޭޕްރީލް މަހު ޑިސްކައުންޓު ދީފައިވާތީ: ސްޓެލްކޯ
އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން މިދިޔަ މަހުގެ ބިލު ހެދުމުން ވެސް ބައެއް ކަސްޓަމަރުންނަށް މިދިޔަ މަހުގެ ބިލު، އޭޕްރީލް މަހުގެ ބިލަށްވުރެ ބޮޑުވެފައިވަނީ އޭޕްރީލް މަހު ޑިސްކައުންޓު ދީފައިވާތީ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިހެން ބުނެފައިވަނީ މިދިޔަ މަހުގެ ކަރަންޓުގެ ބިލު ސަރުކާރުން ކަނޑައެޅި އާ ޓެރިފް ރޭޓްގައި ތައްޔާރުކުރި ނަމަވެސް މެއި މަހުގެ ބިލު، އޭޕްރީލް މަހުގެ ބިލަށްވުރެ ބޮޑު ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑީއާގައި ބުނަމުންދާތީ އެވެ.
އެކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ އާ ޓެރިފް ރޭޓާއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ ތިން ބިލު (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ ދެ ބިލާއި ކުރު މުއްދަތަކަށް ބިލުކޮށްފައިވާ ބިލު) ގެ ކުރިން އެ ގޭބިސީއަކަށް ބިލުކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަތަ މިއަހަރުގެ ޖެނުއަރީ މަހުގެ ބިލާއި، އާ ޓެރިފް ރޭޓުން ބިލުކުރެވިފައިވާ ބިލު އަޅައި ކިޔުމުން ބިލުގެ ހަގީގީ ފަރަގު ސާފުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލު ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލު ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ،" ސްޓެލްކޯ އިން ބުންޏެވެ.