ހައްޖު ފައިސާ އިން ޒަކާތް ދައްކާނީ ހައްޖު ކޯޕަރޭޝަނުން
ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން އެ ކުންފުނިން ޒަކާތް ދައްކަން ޖެހޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފި އެވެ.
ފަތުވާ މަޖިލީހުން ބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ކޯޕަރޭޝަނުން ޒަކާޔް ދައްކަން ޖެހޭ ގޮތަށް ނިންމީ ހައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތަށް ރިއާޔަތްކޮށް ކަމަށެވެ.
އެގޮތުން ފަތުވާ މަޖިލީހުގެ މެންބަރުން އެ މައްސަލަ ދިރާސާކުރުމަށް ފަހު ނިންމީ އާންމުން ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ސީދާ އެ ކޯަރޭޝަނުން ކަމަށެވެ.
ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނުން މިހާރު 69،965ރ. ދައްކަން ޖެހެ އެވެ. އަދި މިހާރު ރާއްޖޭގެ މުދަލު ޒަކާތުގެ ނިސާބަކީ 9264.15ރ. އެވެ
އުސޫލު އޮތް ގޮތުން ހައްޖަށް ދިއުމަށް ހައްޖު އެކައުންޓެއް ހުޅުވުމުން، އެކައުންޓުގެ ވެރިފަރާތުން އެއިރެއްގައި ކަނޑައަޅާފައިވާ ހައްޖުގެ އަގުގެ 75 ޕަސަންޓު ހަމަކުރުމުން ހައްޖަށް ދިއުމުގެ ޖާގަ ކިއުއިން ޖާގަ ރިޒާވްކޮށް ލިސްޓުގައި ހިމެނޭނެ އެވެ. އަދިކިއު ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބެ އެވެ.
ރާއްޖެއިން މިހާރު މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަނުން އެކަންޏެވެ. އެއީ ސަރުކާރުގެ ކުންފުންޏެކެވެ.