ބޮޑުތަކުރުފާނު މަގު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފި
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކުރުމަށް ޝީޓް ޕައިލްކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
މިމަސައްކަތުގެ ދަށުން 132 މީޓަރުގެ ސަރަޙައްދެއްގައިވަނީ ޝީޓްޕައިލް ކޮށްފައެވެ.
އެމްޓީސީސީން ވިދާޅުވީ ދެން ކުރިއަށްދާނީ މަގު ފުޅާކުރާ ސަރަޙައްދަށް ވެލި އަޅައި، އެ ސަރަޙައްދު ހިއްކުމުގެ މަސައްކަތްކަމަށެވެ. އަދި ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަކީ ތޮއްޖެހުން ކުޑަކޮށް އަދި މަގު ބޭނުންކުރާ މީހުންނަށް ލުއިފަސޭހަ ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ. މިމަސައްކަތުގެތެރޭގައި ފެން ހިއްދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީވެ ނިމޭއިރު، ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭނެއެވެ.