ފުލިދޫގައި ބީއެމްއެލް އޭޓީއެމްގެ ޙިދުމަތް ފަށައިފި
ވ. ފުލިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ވ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފުލިދޫއަށް ވަޑައިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ފުލިދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޚިދުމަތް ފެއްޓެވުމަށްފަހު ރައީސް ވަނީ ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ޙަވާލުކުރައްވާފައެވެ.
މި މަޝްރޫޢަކީ ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފެށި ޚިދުމަތެކެވެ. ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އޭޓީއެމް ނެތް ރަށްރަށުގައި އޭޓީއެމް ބަހައްޓައި، މުޅި ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމްކުރުމެވެ.