ފެލިދޫއިން 12 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނަން: ރައީސް
ވ.ފުލިދޫ ބިން ހިއްކަން ރައްޔިތުން ބޭނުންވާ ކަމުގެ ޔަގީންކަން ކައުންސިލް މެދުވެރިކޮށް ލިޔުމުން ސަރުކާރަށް ހުށަހެޅުމުން، އެރަށުން 12 ހެކްޓަރުގެ ބިން ހިއްކައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ފެލިދެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ.ފުލިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިއީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމުގެ ކުރިން، ބިން ހިއްކުމަކީ ރައްޔިތުން ބޭނުންވާ ކަމެއްކަން ލިޔުމުން ކައުންސިލް މެދުވެރިކޮށް ސަރުކާރަށް އެންގުމަށް އެދިވަޑައިގަންނަވާފަ އެވެ.
ދާދި ފަހުން އެހެން ރަށެއްގައި ބިންހިއްކުމުގެ މަސައްކަތުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިފަހުން، އެ މަސައްކަތް ކުރިއަށް ގެންދަން ރައްޔިތުން ބޭނުންނުވާތީ އެކަން ހުއްޓާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ފުލިދޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ރަށުގެ މޫދާއި ފަޅުގެ ރީތިކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން އެގޮތުގައި އޮންނާނެ ގޮތަކަށް ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނުވެސް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ރައްޔިތުން ގޮތް ނިންމުމުން، ބިން ހިއްކުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.
ފުލިދޫ އަކީ ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގެ އިގުތިސާދުގައި ބޮޑުހިއްސާއެއް އަދާކުރާ، ރަށުގައި ޑޮލަރު ދައުރަވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ފެލިދޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
ސިއްހަތާއި ހަށިހެޔޮކަމުގެ ދާއިރާގެ ކަންކަމަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މިއަދު ފުލިދޫގައި އަމަލީ މަސައްކަތްފެށި ސިއްހީ މަރުކަޒުގައި ވަސީލަތްތައް އިތުރުވާނެކަމަށާއި އެތަން ނިމޭއިރު ވިހި އެނދު ހުންނާނެކަން ފާހަގަކުރައްވާފަ އެވެ.
އަދި ރަށުގެ ޒުވާނުން ފުޓްބޯޅަ ކުޅުމަށް ފުޓްސަލް ދަނޑެއްގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.