އަތޮޅު ކައުންސިލުތައް އުވާލާ އިސްލާހު މަޖިލީހަށް
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހަށް ސަރުކާރުން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން ވެސް އިއްވައިފަ އެވެ. ބިލު ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލުތައް އިންތިހާބުކުރަން ނުޖެހޭ ގޮތަށް ހެދުމަށެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ބުނަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނޭ ކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާއެކު އެ ކައުންސިލުގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތަކުގެ ރައީސުން ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.
ނަމަވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ވަނީ އެކަން ކަނޑައަޅާފައިވާ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ.
އޭގެ ސަބަބުން އަތޮޅު ކައުންސިލުތައް އުވޭނެ އެވެ.
ނަމަވެސް އިސްލާހުގައި ވަނީ މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލުތައް ދައުރު ހަމަވަންދެން ދެމިތިބޭނެ ކަމަށެވެ.
އަތޮޅު ކައުންސިލަކީ ބޭކާރު ކަމެއް ކަމަށް ބުނެ އެ އުވާލުމުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކި ޕްލެޓްފޯމްތަކުގައި ދައްކަވާފައިވެ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމުން ހަދަރުތައް ކުދަވެ، ކައުންސިލްތައް އިތުރަށް ބާރުވެރިވާނެ ކަމަށް ރައީސް ވިދާޅު އެވެ.