އައު އަހަރަށް ޑްރޯން ޝޯއަކާއިއެކު ހަވާއަރުވަނީ
އައު އަހަރަށް މަރުޙަބާ ކިޔުމަށް ހުޅުމާލޭގައި، ކުލަގަދަ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމާފައެވެ.
މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރުމަށާއި އައު އަހަރަށް މަރުހަބާ ކިޔުމަށް "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް"ގެ ނަމުގައި ހާއްސަ ފެސްޓިވަލެއްވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ ފަށާފައެވެ.
ކާބޯތަކެތީގެ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަފާތު ބާވަތްތައް ލިބޭނެ ފުޑް ސްޓޯލްތަކެއްވެސް މި ސަރަޙައްދުގައި ބަހައްޓާފައިވެއެވެ. އަދި އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން އެކި ކުޅިވަރުތައްވެސް މި ސްޓޯލްތަކުގައި ކުރިއަށް ދާނެއެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އައު އަހަރަށް މަރުހަބާ ކިޔުމަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޑްރޯން ޝޯ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޑްރޯން ޝޯ އޮންނާނީ މިރޭ 21:00 އިން ފެށިގެން 15 މިނިޓަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވިއެވެ. އަދި ހަވާ އެރުވުމުގެ ހަރަކާތް 12 ޖެހުމާއެކު ފަށާނެއެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 5 މިނެޓަށެވެ.
މީގެ އިތުރުން ރާއްޖޭގެ މުއްސަނދި ސަޤާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތައް މި ފެސްޓިވަލުގެ ތެރެއިން ކުރިއަށްގެންދާނެއެވެ. އައު އަހަރަށް މަރުހަބާ ކިޔުމަށް ކޮންމެ އަހަރަކުވެސް ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ.